ނަޝީދާއި ގުޅިގެން މަޖިލިސް އަމީން ޢާންމު ބަޣާވާތެއް ކޮށްފައިވާ ކަމުގެ ތުހުމަތު!

ނަޝީދާއި ގުޅިގެން މަޖިލިސް އަމީން ޢާންމު ބަޣާވާތެއް ކޮށްފައިވާ ކަމުގެ ތުހުމަތު!

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގައި މަރު ތަޅު އަޅުވައި، މަޖިލިސް ހިސާރުކޮށްފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ގުޅިގެން މަޖިލިސް އަމީންއާންމުގެ ބައިވެރިވުންވެސް އޮވެގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ. މަޖިލިސްގެ ނައިބް ރައީސް އީވާގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މިފެށޭ ހަފްތާގެ އާދީއްތަ ދުވަހަށެވެ. ނަމަވެސް މަޖިލިސް ކޮމެޓީތައް އެކުލަވާލެވިފައި ނުވާތީ މިމަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލިސް އިދާރާއިން ވަނީ އަންގާފައެވެ.

މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޝަރީފް ވިދާޅުވީ މަޖިލިސް ހުއްޓުވައި، މަޖިލީހުގަިއ މަރު ތަޅު އަޅުވައިގެން މަޖިލިސް ހިސޯރު ކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ގުޅިގެން ކަމަށެވެ. މިއީ ހިންގާފައިވާ ވަރަށް ބޮޑު ބަޣާވާތެއް ކަމަށާއި މިކަން ނިމުމަކަށް ގެނައުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މަޖިލިސްގައި މަރުތަޅު އަޅުވާ މަޖިލިސް ހިސާރު ކުރުމަކީ މަޖިލިސްގެ އަމީން ޢާންމުގެ އެއްބާރުލުމާއިއެކު ކޮށްފައިވާ ބޮޑު ބަޢާވާތެއް. ޤާނޫނުގެ ވެރިކަން އަލުން އިޔާދަ ކުރުމަށްޓަކައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އަޅުއްވަންޖެހޭ.

– ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ތަންދޭ ގޮތުގެ މަތީން މަޖިލީހަށް ހުށަހެޅިފައިވާ މަޖިލިސް ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރެވި ފެށެންޖެހޭނެ ކަމަށެވެ. އެކަން ކުރަންޖެހޭނީ މަޖިލީހުގައި މެދު ނުކެނޑި އެންމެ ދުވަސްވީ މެމްބަރު މަޖިލީހުގެ ރިޔާސަތަށް އަރުވައިގެން ކަމަށެވެ.

މަޖިލިސްގެ މެދު ކެނޑުމެއްނެތި އެންމެ ދުވަސްވީ މެމްބަރެއްގެ ރިޔާސަތުގެ ދަށުން ޖަލްސާއެއް ބާއްވާ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ އަލުން މަޖިލިސްގެ ރައީސަކު އިންތިޚާބު ކުރުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް. މިކަން ކުރިއަ ނުދެނީ އަމީން އާންމާއި، މުހައްމަދު ނަޝީދު.

– ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އޮއްވައި، އެހެން މަސައްކަތެއް ކުރާ ޖަލްސާއެއްގެ ރިޔާސަތު އެ ދެބޭފުޅުންނަށް ނުބެލެހެއްޓޭނެކަން ގަވާއިދުގައި އޮންނަކަން އެނގިވަޑައިގެން، އެމްޑީޕީ މެމްބަރުން އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އީވާ ތުހުމަތުކުރެއްވި ގޮތުގައި، މަޖިލިސް "ޑެޑްލޮކް" އަށް ދާނެކަން ޔަގީންކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ)، (ޅ)، އަދި (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފެނިއްޖެނަމަ އެ މައްސލަ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.

މައްސަލަ މަޖިލީހަށް ވައްދާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ނޯޓިސް ޢަމީން ޢާންމު މަޖިލީހުގެ މެމްބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެނޯޓިހު ދޭ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހެއްގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރެވެން ޖެހެއެވެ.

ހަމަ މިއާއިއެކު ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލިހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.

މަޖިލީހުގައި މިހާރު ދިމާވެފައިވާ ހާލަތަކީ މަޖިލީހުގެ ތާރީހުގައިވެސް މިހާތަނަށް ދިމާނުވާފަދަ ހާލަތަކެކެވެ. މީގެ ކުރިން މަޖިލީހުގެ ތާރީހުގައިވެސް މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައެއް އެއްފަރާ މަޖިލީހަށް ވައްދައި ކުރިއަށް ގެންގޮސްފައި ނުވެއެވެ. ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން މަޖިލީހުގެ ރިޔާސަތު ބަލަައްޓަންޖެހޭނީ ކޮންބޭފުޅެއްކަމެއްވެސް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ