ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވޭ ހިސާބަށް ދިއުމަކީ މަސްވެރިކަމުގެ ރަނގަޅު މާކެޓެއް ހޯދުމުގެ ފެށުން ކަމަށާއި އެއީ ފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ކުރެއްވި ޓުވީޓެއްގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ. އަދި އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށެވެ.
އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ނެގޯޝިއޭޓްކުރުމުގެ މަރުޙަލާ ފެށިގެންދިޔުމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ޓީމުގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.
މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ.
— Fayyaz Ismail (@faya_i) June 8, 2023
ފައްޔާޒު ވިދާޅުވިގޮތުގައި، ރާއްޖެ އާއި އިނގިރޭސި ވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކުރެވޭ ވަރުވާނީ ބެލެވޭ ގޮތުގައި 3-4 މަސް ފަހުންނެވެ. އެއީ އެކަމަށް ބޭނުންވާ ޕަބްލިކް ކޮންސަލްޓޭޝަން ނިމުމުންނެވެ. ރާއްޖޭގައި ހުންނަ ޔޫކޭ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުން އެކުލަވާލުމަށްޓަކައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް 8 ހަފުތާގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިޢުލާނުކުރައްވާފައިވާތީ ފޮރިން މިނިސްޓަރ ޝާހިދުވެސް ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ %20 ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ 4 އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށްޓަކާ، ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުޢިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ.