ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައިގެ ލިޔުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ސޮއި ނުކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ސޮއިކޮށްފައިވަނީ 54 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނޭ 56 މެމްބަރުންގެ ތެރެއިން 50 މެމްބަރުންނެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ލިސްޓުގައި ހަސަންޓޭ ސޮއިކޮށްފައި ނެތެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިސް ނަގައިގެން ހުށަހަޅާ އެ މައްސަލައިގެ ލިޔުމުގައި ސޮއި ނުކުރައްވާ އެމްޑީޕީގެ އެހެން މެމްބަރުންނަކީ، މިހާރަށްވުރެވެސް ބޮޑަށް ރައީސް ޞާލިހާއި މިސަރުކާރަށް މަޖިލިސް ތެރެއިން އެއްބާރުލުން ދޭނެކަމަށް ވިދާޅުވި،، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރެއްވި އެމްޑީޕީން ބޭރު މެމްބަރުންނަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ރައީސަށް 100 ޕަސެންޓް ދެއްވި ދޮންބިލޭއާއިއެކު، ސޮއި ނުކުރައްވަނީ ހަތަރު މެމްބަރެއް
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ 29 މެމްބަރުންގެ ސޮޔާ އެކުއެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާއިރު އެ ވޯޓު ފާސްކުރަން ބޭނުންވަނީ 44 ވޯޓެވެ. މަޖިލިހުގައި ޕާޓީތައް ބެހިފައިވާ ގޮތުން ނަމަ އެއް ޕާޓީއެއްގައި އެންމެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީގައެވެ. އެއީ ނަޝީދާ ނުލައި 56 މެމްބަރެކެވެ.
ނަމަވެސް މަޖިލީހުގެ މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރުގައާއި، އަދި މިދައުރުގައި ބާކީ އޮތް މަދު ދުވަސްތަކާއިއެކު މިމައްސަލަ މަޖިލީހުގައި ކުރިއަށް ގޮސްފައިވާނެކަމަށް ނުބެލެވެއެވެ.
ކޮމެންޓު ފޮނުވާ