އެއަރ ނިއުޒިލޭންޑުން އިކޮނޮމީ ކުލާސް ޕަސެންޖަރުންނަށް ބަންކު ބެޑް ތައާރަފް ކުރަނީ

އެއަރ ނިއުޒިލޭންޑުން އިކޮނޮމީ ކުލާސް ޕަސެންޖަރުންނަށް ބަންކު ބެޑް ތައާރަފް ކުރަނީ

Author
ހުސެއިން
08 ޖޫން 2023 06:55
0

އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ޕަސެންޖަރުންނަށް އެންމެ ރަގަޅު ޚިދުމަތް ފޯރުކޮށްދޭ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ފެންވަރު އެއް އެއަރލައިންކަމަށްވާ އެއަރ ނިއުޒިލޭންޑުން "ސްކައިނެސްޓް"ގެ ނަމުގައި އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ޕަސެންޖަރުންނަށް ބަންކު ބެޑްގެ ޚިދުމަތް ދިނުމަށް ތައްޔާރު ވެއްޖެއެވެ.

އެއަރ ނިއުޒިލޭންޑުން މިހާރު އާންމު ކޮށްފައިވާ ސްކައިނެސްޓުގެ "ބަންކު ބެޑް" ކޮންސެޕްޓަށް މިހާރުވަނީ ދުނިޔޭގަ ދެވޭ އެންމެ ޝަރަޕްވެރި އެއް އެވާރޑް ކަމުގައިވާ "ކުރިސްޓަލް ކެބިން އެވާރޑް"ވެސް ލިބި، އިންޑަސްޓްރީގެ ރުހުންވެސް ފުޅާ ދާއިރާއެއްގައި ލިބިގެން ގޮސްފައެވެ.

މި އެވާރޑަކީ ޖާމަނީގެ ހަމްބާރގްގައި ބޭއްވުނު 2022 ވަނަ އަހަރުގެ އެއަރކުރާފްޓް އިންޓީރިއަރސް އެކްސްޕޯ (AIX)ގައި އެއަރ ނިއުޒިލޭންޑުގެ "ސްކައިނެސްޓް ކޮންސެޕްޓަށް ލިބިފައިވާ އެވާރޑެކެވެ.

މިއަހަރުގެ މި ސެރެމަނީގައި ސްކައިނެސްޓުން ކެބިން އެވާރޑް ހާސިލް ކޮށްފައިވާއިރު، މި ސެރެމަނީއަކީ އެއަރޕްލޭންތަކުގެ ކެބިންގެ އިންޓިރިއަރ އާގޮތްތަކަށް ޑިޒައިން ކުރާ ފަރާތްތަކުގެ އާ ވިސްނުންތަކަށް ހިތްވަރުދީ އާ އީޖާދުތައް ފާހަގަ ކުރުމަށް ބާއްވާ ހަފްލާއެކެވެ.

ކުރިސްޓަލް ކެބިން އެވާރޑް އެސޯސިއޭޝަންގެ ރައީސް ލޫކަސް ކައެސްނަރ ސީއެންއެންއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، މި ކެޓަގަރީގައި އެއަރ ނިއުޒީލޭންޑުން ކާމިޔާބު ކޮށްފައިވާ އެވާރޑަކީ އާންމު ގޮތެއްގައި ހަގީގަތަކަށް ނުވާ، އެހެންނަމަވެސް ވަރަށް އުފެއްދުންތެރި އީޖާދުތަކަށް ކޮށްފައި ހުންނަ ކޮންސެޕްޓްތަކުން ވަނަ ހާސިލްކުރާ ކެޓަގަރީއެއް ކަމުގައެވެ.

އެހެންނަމަވެސް އެއަރ ނިއުޒލޭންޑްގެ ސްކައިނެސްޓް ކޮންސެޕްޓް ވެގެންދަނީ ހަމައެކަނި މުސްތަގުބަލަށް ކުރެވޭ އުއްމީދެއްގެ ބަދަލުގައި، 2024 ވަނަ އަހަރު ހަގީގަތަކަށް އައުމަށް ތައްޔާރުވަމުންދާ ކޮންސެޕްޓަކަށެވެ.

ދިގު ދަތުރުތަކުގައި އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ޕަސެންޖަރުންނަށް ތައާރަފްކުރާ ބަންކު ބެޑްގެ ކޮންސެޕްޓް

"އިކޮނޮމީ ކުލާހަށް ބަންކު ބެޑްގެ ހައްލު ތައާރަފް ކުރުމަކީ ވަރަށް ގިނަފަހަރު ހަމައެކަނި ކޮންސެޕްޓެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ ހައްލެއް. މި އުފެއްދުންތެރި ވިސްނުން، ދިގު ދަތުރުތަކަށް ލިބިގެންދާ އަސްލު ހައްލެއްގެ ގޮތުގައި އުއްމީދު ލިބިގެން ގޮސްފައިވަނީ މަދު ފަހަރެއްގައި،" އެއަރ ނިއުޒީލޭންޑުން 2024 ވަނަ އަހަރު ތައާރަފްކުރުމަށް މިހާރު ތައްޔާރުވަމުންދާ މި ކޮންސެޕްޓާއި ގުޅޭގޮތުން ލޫކަސް ކައެސްނަރ ވިދާޅުވެފައި ވެއެވެ.

އެއަރ ނިއުޒީލޭންޑުން މިހާރު ތައްޔާރު ވަމުންދަނީ އަންނަ އަހަރުން ފެށިގެން، ދިގު ދަތުރު ތަކުގައި ބަންކު ބެޑް ތައާރަފް ކުރުމަށެވެ. މި އެނދުތައް 4 ގަޑި އިރަށް، އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ޕަސެންޖަރުންނަށް ރެންޓު ކުރެވޭނެއެވެ. މިގޮތުން އެދެއްގެ ރެންޓު 4 ގަޑިއިރަށް އުޅޭނެކަމަށް ލަފާ ކުރެވިފައިވަނީ 400 އެމެރިކާ ޑޮލަރާއި 600 އެމެރިކާ ޑޮލަރާ ދެމެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.