ސައުދީއާއި، ބާސާއަށް މެސީ ނުގެންދެވުނު، ނިންމީ އެމެރިކާ ލީގުގައި ކުޅެން

ސައުދީއާއި، ބާސާއަށް މެސީ ނުގެންދެވުނު، ނިންމީ އެމެރިކާ ލީގުގައި ކުޅެން

އާޖެންޓީނާގެ ލިއޮނަލް މެސީ އަންނަ ސީޒަންގައި ކުޅޭނީ އެމެރިކާގެ ކްލަބަކަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު މެސީ ދެން ސޮއި ކުރާނީ ސައުދީ އަރަބިއްޔާގެ ކްލަބަކަށް ނުވަތަ މެސީގެ ކުރީގެ ކްލަބް ބާސެލޯނާއަށް ކަމަށް ކުރިން އޮތީ އަޑުފެތުރިފައެވެ. ނަމަވެސް މިރޭ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މެސީ ދެން ސޮއި ކުރާނީ އެމެރިކާގެ އިންޓަ މިއާމީއަށެވެ.

މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޖޯޖް މެސީގެ އިތުރުން އެ އާއިލާން ވެސް ބޭނުންވީ އަލުން ބާސާ އަށް މެސީ ބަދަލުވުމަށެވެ.

އެކަމަކު ބާސާގެ މުސާރަ ބިލް މިހާރު ވެސް ބޮޑެވެ. މެސީ ފެންވަރުގެ ކުޅުންތެރިޔެއް ގެންނަނަމަ، ލާލީގެގެ ފައިނޭންޝިއަލް ފެއާޕްލޭ އަށް ވުރެ ބާސާގެ މުސާރަ ބިލް ބޮޑުވާނެއެވެ. ސްޕެއިންގެ "މާކާ" އިން ބުނީ އެ ޓީމުގެ ވޭޖްބިލް ކުޑަ ކުރުމަށް، ކްލަބުން ބައެއް ކުޅުންތެރިން ދޫކޮށްލައި މެސީ ކްލަބަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް، ބާސާގެ ރައީސް ޔޮއާން ލަޕޯޓާ، ޖޯޖް މެސީ ގާތު ބުނި ކަމަށެވެ.

ބާސެލޯނާގެ އިތުރުން ސައުދީ ލީގުގެ އަލް ހިލާލުން ވެސް ވަނީ މެސީ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ބޭރުގެ ގިނަ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި، އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިންޓަ މިއާމީ އަށް ބަދަލުވާން މިހާރު މެސީ ވަނީ ނިންމައިފައެވެ. އެކަން ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރަސްމީކޮށް މެސީ އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނުގައި މެސީ ފެންނާނީ އެމެރިކާ ލީގުންނެވެ. މެސީ ހޯދުމަށް ބާސެލޯނާ އިން ގަދައަޅާ ކުރަމުން އައި މަސައްކަތް ވަނީ ބޭކާރުވެފައެވެ.

އޯގަސްޓް 2021 ގައި މެސީ ޕީއެސްޖީ އަށް ބަދަލުވީ، ބާސާ އަށް އޭނާ އަށް ސޮއި ކުރެވޭނެ ހާލަތެއް މާލީ ގޮތުން ބާސާ އަށް ހޯދޭނެ ގޮތް ނުވުމުންނެވެ. ސައުދީގެ ހުށަހެޅުމުން މެސީ އަށް ބޮޑު މުސާރައެއް ލިބެއެވެ. އެކަމަކު އެ ހުށަހެޅުމަށް މެސީގެ އާއިލައިން އެހާ ޝައުގުވެރިއެއް ނުވެއެވެ. އިންޓަ މިއާމީގެ ޕްރޮޖެކްޓަށް މެސީގެ އާއިލާއިން ޝައުގުވެރިވީ ސްޕޯޓިން ޕްރޮޖެކްޓް ރަނގަޅުވުމުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *