އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޫކޮށް

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޫކޮށް

Author
ހުސެއިން
07 ޖޫން 2023 07:12
0

އިތުރު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، "ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ.ފެހިވިނަ، މުޙައްމަދު ޢާޠިފަށް ކޮމިޝަނުން މިއަދު ދޫކޮށްފައި ވާކަމުގައެވެ.

"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޫކުރި ޑރ. އާތިފްވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް އިއުލާން ކޮށްފައެވެ.

ޑރ. އާތިފަކީ މެޑިކަލް ޑޮކްޓަރަކަށްވާއިރު، އޭނާ ފަހަކަށް އައިސް ގިނަބަޔަކު އެގިގެންދިޔައީ އޭނާގެ އަންހެން ދަރިފުޅު ރައުދާ އާތިފްގެ ގޮތް ނޭގޭ މަރުގެ ހަގީގަތް ހޯދުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެންނެވެ. އޭނާ ގެންދަވަނީ ދަރިފުޅުގެ މަރަށްފަހު އަދިވެސް މަަރަށް އިންސާފު ހޯދުމަށް ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅު ކުރަމުންނެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދޫކޮށްފައިވާއިރު އިލެކްޝަންސްގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ 9 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ. އެހެންނަމަވެސް މީގެ ތެރޭގައި ހިމެނޭ އިލެކްޝަންސްއިން އުވާލުމަށް ނިންމާފައިވާ އެމްއާރުއެމްވެސް ހިމެނެއެވެ.

އިލެކްޝަންސްގެ ދަފްތަރުގައި ހިމެނޭ 9 ސިޔާސީ ޕާޓީގެ ތެރެއިން ދައުލަތުން ފައިސާ ލިބޭ މިންވަރަށް، 10،000 މެމްބަރުން ހަމަކުރެވިފައިވަނީ 4 ސިޔާސީ ޕާޓީއެއްގައެވެ. އެއީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަންޓްރަވަލް ސިޔާމްގެ އެމްޑީއޭއާއި ޖުމުހޫރީ ޕާޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިކިފިނި ވަސީ
ނަފްސާނީ މައްސަލައަށް ބޭސްކުރުން ސިޔާސީ ޕާޓީހެދުމަށްވުރެ މުހިންމު
ޙ ޙަސަން
އަދާލަތު ޕާޓީގައިވެސް 1000 މީހުން ހަމަނުވަނީތަ؟