ފޮނަދޫ މަގުހެދުމުގެ މަސައްކަތް ނިމުމަކާއި ގާތަށް، 69 އިންސައްތަ ނިންމައިފި

ފޮނަދޫ މަގުހެދުމުގެ މަސައްކަތް ނިމުމަކާއި ގާތަށް، 69 އިންސައްތަ ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 04:34
0

ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން ވިދާޅުވީ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %69 މިހާރުވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށާއި، އަދި ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ބޭނުންވާ މެޝިނަރީ މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިކަމަށެވެ.

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 26 ޖޫން 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޕީޑް ބްރޭކަރުލުމާއި، މަގުމަތީގައި ހަރުކުރަންޖެހޭ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި އެކުންފުނިން ވަނީ ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.