ކޯވިޑް-19ގެ ސަބަބުން ފެމިލީ ކޯޓުން ފެށި އޮންލައިންކޮށް ކައިވެނި މަޖިލީސް ބޭއްވުން ހުއްޓާލައި، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން އެ ކޯޓުން ފަށައިފި އެވެ.
ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށީ ކޮވިޑް-19ގެ ސަބަބުން މާލެ ފުރަބަންދުކުރުމާ ގުޅިގެންނެވެ. އެކަން ބަދަލުކޮށް އެ ކޯޓުން ކުރި އިއުލާނެއްގައި ވަނީ އިއްޔެ އިން ފެށިގެން އޮންލައިންކޮށް ކައިވެނިކޮށް ދިނުން ހުއްޓާލުމަށް ފަހު، ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ކޯޓުން ބޭރުގައި ކައިވެނި މަޖިލީސް ބޭއްވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ފެމިލީ ކޯޓުން ކަނޑައެޅި އުސޫލުގައި ވާގޮތުން ކޯޓުން ބޭރުގައި ކައިވެނި ކުރާ ތަނަކީ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ، މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ އެވެ.
މީގެ އިތުރުން މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން ކައިވެނި ފޯމްތައް އީމެއިލް އަދި ޑްރޮޕްބޮކްސް މެދުވެރިކޮށް ބަލައިގަތުން ހުއްޓާލުމަށް ނިންމާފައި ވާކަމަށްވެސް އެ ކޯޓުން ވަނީ ނިންމާފައެވެ. މި ބަދަލާއި އެކު ހުރިހާ ކައިވެނި ފޯމްތައް ބަލައިގަންނާނީ އެ ކޯޓުގެ ރިސެޕްޝަނުން އެކަންޏެވެ.
ކޯވިޑް-19ގެ ސަބަބުން ހަމައެކަނި ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް އޮތް އޮތުން، މި ނިމުނު ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފެމެލީ ކޯޓުން ވަނީ ބަދަލު ކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން މާލޭގައި ހުރި ކޯޓުތަކުގައި ޝަރީޢަތްވެސް ގެންދިޔައީ އޮންލައިންކޮށެވެ. ބައެއް ކޯޓުތަކުން މިހާރު ޝަރީޢަތުގެ މަޖިލީސް ބާއްވަން ފަށާފައި ވާއިރު އަދިވެސް އޮންލައިންކޮށް ޝަރީޢަތް ގެންދާ ކޯޓުތައްވެސް އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ