ވިލާގެ ފަޅެއް ވިއްކުން އޭސީސީން ހުއްޓުވައިފި

ވިލާގެ ފަޅެއް ވިއްކުން އޭސީސީން ހުއްޓުވައިފި

Author
މުޙައްމަދު ޝަޒައިމް
06 ޖޫން 2023 08:17
0

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފިއެވެ.

އޭސީސީ އިން ވިއްކުން ހުއްޓުވާފައިވަނީ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި އޮތް ވާވެއްދިފަޅެވެ. އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ވަނީ ވިލާ ކުންފުނިން ވިއްކަން އުޅުނު ފަޅެއް ވިއްކުން ހުއްޓުވާފައިވާ ކަމަށް ޔަގީންކޮށްދެއްވާފައެވެ. ފަޅު ވިއްކުން އޭސީސީ އިން ހުއްޓުވީ ކޮން އިރަކުތޯ އެހުމުން ނިޝާން އެ މައުލޫމާތެއް ނުދެއްވިއެވެ.

އޭސީސީން ކަމެއް ހުއްޓުވާނީ ތަހުގީގަކާ ގުޅިގެން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ކުރިން ވެސް ވާވެއްދިފަޅާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކޮށް މައްސަލަ ފައިލްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގައެވެ. ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެއެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

މި ފަޅުގެ މައްސަލާގައި ގާސިމް މިދިޔަ ހުކުރުދުވަހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދި މި ސަރުކާރުން ގާސިމްގެ ވިޔަފާރި އަށް ގެއްލުމެއް ލިބޭ ކަމުގެ ތުހުމަތު ނާޅުވައި ހަތަރު އަހަރު ހޭދަކުރެއްވުމަށް ފަހު, އިދިކޮޅު ފަރާތްތަކުން ބާއްވަން ރޭވި ޗާގޮސް މައްސަލައިގެ މުޒާހަރާގައި ބައިވެރި ނުވާން ގޮވާލައްވައި ދެއްކެވި ވާހަކައިގައި ސަރުކާރަށް ވަނީ ބަހުގެ ހަމަލާތައް އަމާޒުކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.