އަތޮޅު ތެރެއިން މަސްތުވާ ތަކެއްޗާއިއެކު 6 މީހަކު ހައްޔަރުކޮށްފި

އަތޮޅު ތެރެއިން މަސްތުވާ ތަކެއްޗާއިއެކު 6 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 02:23
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންވަނީ މިމައްސަލަތކުގައި ހައްޔަރުކޮށްފައިވާ މީހުންގެ މައުލޫމާތު ހިއްސާކޮށްފައެވެ. ފުލުހުން ވިދާޅުވީ މާލެއިން މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށްފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލާތަކާ ގުޅިގެން ޑިސެމްބަރު 1 ވަނަ ދުވަހުވެސް މާމިގިލީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މާމިގިލި ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މާލެއިން މާމިގިއްޔަށް ދަތުރުކުރި ފެރީއަކުން 27 އަހަރުގެ ބަނގުލަދޭސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވެއެވެ.

ތ. ތިމަރަފުށި ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނަކީ ކިނބިދޫ ނެރުކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 28 އަހަރުގެ ދެ މީހުންނާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ތިން މީހުންނަވެސް ދިވެހިންނެވެ.

ރ. މަޑުއްވަރި ފަޅުގައި އޮތް ދޯންޏެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަޑުއްވަރި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑުއްވަރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން ލ. މާވަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.