ރައްޔިތުންގެ ތާޢީދާއި އިތުބާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެބައޮތް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީން ރައީސަށް ކިޔާފައިވާ ހޫނު މަރުހަބާއާއި، ސަލާންކުރުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވައި މަހުލޫފްވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އޭރާއި މިހާރު އައިސްފައިވާ ބަދަލު ވަޒަން ކޮށްލުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.
މިއަދުގެ ސިޔާސީ ހަގީގަތްތަކުން ސާފުވާ މަންޒަރަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރައްޔިތުންގެ އިތުބާރާއި، ޔަގީންކަން ލިބިފައިވާ މަންޒަރުކަމަށް މިވަގުތު ދަރުފުޅާއިއެކު ރާއްޖެއިން ބޭރުގައި ބެޑްމިންޓަން ތަމްރީނެއްގައި އުޅުއްވާ މަހުލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެނިގެންދަނީ ކުރިއަށް އޮތް ރިޔާސީީ އިންތިޚާބު ރައީސް ޞާލިހު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރައްވާތަން ކަމަށެވެ. މިހަގީގަތަކީ މިއަދު މުޅި ރާއްޖެއިންވެސް ފެންނަމުންދާ ހަގީގަތްކަމަށް މަހުލޫފް ވިދާޅުވިއެވެ.
އިއްޔެ އާއި މިއަދު ސިޔާސީ މަޝްރަހު ދިރާސާ ކުރި ކޮންމެ ފަރާތަކަށް އެއްކަމެއް ޔަޤީން ވާނެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތްކަމާއި ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމެވެ.
– މަހުލޫފް ވިދާޅުވިއެވެ.
އިއްޔެ އާއި މިއަދު ސިޔާސީ މަޝްރަހު ދިރާސާ ކުރި ކޮންމެ ފަރާތަކަށް އެއްކަމެއް ޔަޤީން ވާނެއެވެ.
ރައީސް @ibusolih އަށް ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތްކަމާއި ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމެވެ. pic.twitter.com/LFa1ilgdrw
— Ahmed Mahloof (@AhmedMahloof) June 3, 2023
މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވިއިރު މިފަހުން ސަރުކާރުން ބާއްވާ އެކި އިވެންޓުތަކާއި އެމްޑީޕީގެ އެކި ހަރަކާތްތަކުގައި މަހުލޫފް ނުފެންނަކަމުގެ ޝަކުވާ ބޮޑެވެ. އެގޮތުން މިނިސްޓަރ މަހުލޫފް ވަޒީރުކަން ކުރައްވާ ކުޅިވަރު ދާއިރާގައި ފާހަގަ ކޮށްލެވޭ މުހިންމު ރަސްމިއްޔާތުތަކަށް ރައީސް ވަޑައިގެންނެވިއިރުވެސް މަހުލޫފް ނުފެނެއެވެ.
ރާއްޖޭގައި ބޭއްވުނު ބައިނަލް އަގުވާމީ ބިލިއާޑް މުބާރާތް ނިންމުމުގެ ރަސްމިއްޔާތާއި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފައިވާއިރު، މިނިސްޓަރ މަހުލޫފެއް ނުފެނެއެވެ. މީގެ އިތުރުން މިފަހުން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިންވެސް މިނިސްޓަރ މަހުލޫފް ހުންނެވީ ވަރަށް ހަމަ ހިމޭންކަމުގައި ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ކޮމެންޓު ފޮނުވާ