ޗާގޮސް ކޯލިޝަނުން ކަނޑު ވިއްކާލިމާއި ދެކޮޅަށް ބޭއްވި ޖަލްސާގައި އިންޑިއާ އައުޓު ޝިއާރުތައް ފާޅުކޮށްފިއެވެ.
މިޖަލްސާގައި ޖަލްސާގެ ބައިވެރިން ބެނާތައް ބޭނުން ކޮށްގެން އިންޑިއާ އައުޓު ޝުއޫރުތައް ފާޅު ކޮށްފައިވާއިރު، މި ޖަލްސާއަކީ އިންޑިއާ އައުޓު ހަރަކާތާއި ދެކޮޅު ފިކުރެއްގެ ދިރުމާއި، އެ ސިޔާސަތާއި ދެކޮޅު ކާނަލް ނާޒިމްގެ އެމްއެންޕީންވެސް ބައިވެރިވި ޖަލްސާއެކެވެ.
މިހާތަނަށް އިންޑިއާއައުޓު ކެމްޕޭނަށް ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި އަދި އެ ކެމްޕޭނާއި ދެކޮޅު ކާނަލް ނާޒިމްވެސް ބައިވެރިވި މިޖަލްސާގައި އިންޑިއާއައުޓު ޝިއާރުތައް ބެނާތަކުގައި ފާޅުކޮށްފައި ވާއިރު، ޖަލްސާގައި އެ ޝިއާރުތައް ބޭނުން ކުރުމާއި ދެކޮޅަށް ޖަލްސާގެ އެންމެ އިސް ފަރާތްކަމަށްވާ އިދިކޮޅު ޕީޕީއެމްގެ އިސްވެރިން ވާހަކަ ދައްކަވާފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުންވެސް ރޭގެ ޖަލްސާ ފާހަގަވެގެން ދިޔައީ ރައީސް ރައީސް ޔާމިންއާއެކީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަވާނެ ކަމަށް ވިދާޅުވި، ޔާމިންގެ ވެރިކަމުގައި ޖަލުގައި އޮންނެވި ކާނަލް ނާޒިމް ޔާމިންގެ ތަގުރީރު އަޑުއައްސަވަން އިންނެވި ޖަލްސާއެއްގެ ގޮތުގައެވެ. އަދި ކުރީގެ ރައީސް ވަހީދުއާއެކީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަވާނެ ކަމަށް ވިދާޅުވި ނަޝީުގެ ފިކުރެއްދިރުމުގެ އިސް ބޭފުޅުން ރައީސް ވަހީދާއި އެއް ސަފެއްގައި ތިއްބެވި ޖަލްސާއެއްގެ ގޮތުގައިވެސްމެއެވެ.
އެމްއެންޕީގެ އިސްވެރީންވެސް ރޭގެ ޖަލްސާގައި ބައިވެރިވިއިރު، ރޭގެ ޖަލްސާގައި ބައިވެރިވި ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު ހަސަން ލަތީފުއާއި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއާއި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް ހިމެނިވަޑައިގަންވައެވެ.
ރޭގެ ޖަލްސާގެ އެންމެ ކުރީގައި ރައީސް ވަހީދާއެކީ ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ ވެރީން ތިއްބެވިއިރު، މީގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ ދުވަހަކުވެސް ރައީސް ވަހީދުއާއެކީ ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމުގައެވެ. އަދި ނަޝީދުއާއި ނަޝީދުއަށް ތާއީދުކުރާ ފަރާތްތަކުން އަބަދުވެސް ތުހުމަތު ކޮށްފައިވަނީ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޢާވާތަކުން ވެރިކަން ބަދަލު ކޮށްގެން ކަމުގައެވެ.
ރޭގެ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުންނަކީ ފާއިތުވެދިޔަ ތަނުގައި ރައީސް ވަހީދަށް ނިސްބަތްކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންކަންވެސް ފާހަގަ ކޮށްލެވެއެވެ.