ޔާމިންގެ ރިޔާސީ ޓިކެޓަށް އުނިކަން ލިބޭގޮތަށް ވާހަކަ ދައްކާ މެމްބަރުންގެ މައްސަލަ ބަލަން ކޮމިޓީއެއް އުފައްދައިފި

ޔާމިންގެ ރިޔާސީ ޓިކެޓަށް އުނިކަން ލިބޭގޮތަށް ވާހަކަ ދައްކާ މެމްބަރުންގެ މައްސަލަ ބަލަން ކޮމިޓީއެއް އުފައްދައިފި

Author
ހުސެއިން
02 ޖޫން 2023 11:35
0

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޔާމިންގެ ރިޔާސީ ޓިކެޓަށް އުނިކަން ލިބެގޮތަށް ވާހަކަ ދައްކާ ޕީޕީއެމްގެ މެމްބަރުންގެ މައްސަ ބެލުމަށް ޕީޕީއެމްގެ ލީޑަރޝިޕް ކޮމިޓީއެއް އުފައްދަައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނޭ 3 ބޭފުޅަކު ހިމެނޭ ގޮތަށް އުފައްދާފައިވާ މި ކޮމިިޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ޕީޕީއެމް ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބުދުއްރަހީމްއެވެ.

ޔާމިންގެ ރިޔާސީ ޓިކެޓަށް އުނިކަން ލިބޭގޮތަށް ވާހަކަ ދައްކާ މެމްބަރުންގެ މައްސަލަ ބެލުމަށް ޕާޓީގެ ލީޑަރޝިޕުން ޚާއްސަ ކޮމިޓީއެއް އުފައްދާފައި ވާއިރު އެކޮމިޓީން މިހާރުވަނީ ރައީސް ޔާމިންގެ ރިޔާސީ ޓިކެޓަށް އުނިކަން ލިބޭގޮތަށް ވާހަކަ ދެއްކިކަމުގެ ތުހުމަތުގައި ޕީޕީއެމްގެ 6 ސެނެޓަރެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

އޭގެތެރެއިން 5 ސެނެޓަރުން ރޭވަނީ މި ކޮމިޓީއަށް ހާޒިރުކޮށް ބަޔާން ނަގާފައިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 6 ސެނެޓަރުންގެ ތެރޭގައި ހިމެނޭ މުއާޒް ހަލީމް ދިރިއުޅުއްވަނީ މެލޭޝިއާގައި ކަމަށްވުމުން ތަހުގީގު ކޮމިޓީއަށް އަދިވަނީ އޭނާގެ ބަޔާން ނެގޭ ގޮތް ނުވެފައެވެ. މިމައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ތަހުގީގު ކޮމިޓީން މައްސަލަ ބެލުމަށްފަހު މައްސަލަ ދެންދާނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓިއަށްކަމަށްވެސް "ޚަބަރު އޮންލައިން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ޔާމިންގެ ރިޔާސީ ޓިކެޓަށް އުނިކަން ލިބޭގޮތަށް ވާހަކަ ދައްކާކަމުގެ މައްސަލަ ހޫނުވެފައިވަނީ ޕީޕީއެމްގެ ކުރީގެ ސެކެޓްރީޖެނެރަލް މުހައްމަދު ޝަކީލް އިއްޔެ ކުރެއްވި ޓުވީޓެއްގައި މިސަރުކާރުން ރައީސް ޔާމިން މިނިވަން ކޮށްފާނެކަމަށް ބަލާ "ހަމަ މިހެން ތިބެންވީތޯ" ޓުވިޓަރގައި ސުވާލު އުފެއްދުމާއި ގުޅިގެންނެވެ.

ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭނަމަ ޕާޓީގެ އެހެން ބޭފުޅަކަށް ޓިކެޓް ލިބެންޖެހޭކަމަށް ވިދާޅުވެ ޝަކީލް ކުރެއްވި ޓުވީޓާއި އަދި އޭނާއަށް ތާއިދުކޮށް, ދެ ސެނެޓަރަކު ކޮށްފައިވާ ކޮމެންޓް

ސޯލިހުފަދަ މަކަރުވެރި ހީލަތްތެރި އަނިޔާވެރިއެއް އޭނާގެ އަނިޔާވެރިކަން ދޫކޮށް ރައީސް ޔާމީން މިނިވަން ކުރާނެކަމަށް ނުވަތަ ރިޔާސީ ރޭހުގައި ރައީސް ޔާމީންއަށް ވާދަކުރުމުގެ ފުރުސަތު ދޭނެކަމަށް ގަބޫލުކޮށްގެން ސަރުކާރުން ޝަރުއީކޯޓުތަށް މެދުވެރިކޮށް ކުޅޭ ޗަރުކޭސް ބަލަން ހަމަ ތިބެންވީތޯ؟

ޝަކީލް އިއްޔެ ކުރެއްވި ޓޫވީޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު ޝަކީލްވަނީ އޭނާގެ ޓުވީޓު މިހާރު ޑިލީޓް ކޮށްފައެވެ.

ޝަކީލްގެ ޓުވީޓަށް ތާއީދުކޮށް ޕީޕީއެމްގެ ސެނެޓްގައި ހިމެނޭ އެހެން ދެ ބޭފުޅަކު ކޮމެންޓްވެސް ކޮށްފައި ވެއެވެ. އެ ދެ ސެނެޓަރުންގެ މައްސަލަވެސް ތަހުގީގު ކޮމިޓީން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

މިމައްސަލާގައި އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕުގައިވެސް ބައެއް ބޭފުޅުންވަނީ ބަހުސް ކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވަނީ ރައީސް ޔާމިން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން ގާނޫނީ ޓީމުން ދޭކަމަށް ވިދާޅުވެފައެވެ. އޭގެ ރައްދުގައި އެހެން ބައެއް ފަރާތްތަކުން ވަނީ ފާއިތުވި މާރޗްމަސް ނިމުމުގެ ކުރިންވެސް ރައީސް ޔާމިން މިނިވަންވާނެކަމަށް ވަކީލުންގެ ޓީމުން ވިދާޅުވި ކަމަށާއި އެދުވަސް އަދިވެސް ނާދޭތޯ ސުވާލު ކުރައްވާފައެވެ.

ލޯޔަރުން ވިދާޅުވި 2023ގެ މާރޗްމަސް އަދި ނުނިމޭތޯ؟

ރައީސް ޔާމިން މިނިވަންވާނެކަމުގެ ޔަގީންކަން ގާނޫނީ ޓީމުން ދޭކަމަށް ވިދާޅުވެ ސެނެޓް ވަޓްސައަޕް ގުރޫޕުގައި ބައެއް ފަރާތްތަކުން ދެއްކެވި ވާހަކަތަކަށް ރައްދު ދެމުން ޕީޕީއެމްގެ ސެނެޓަރއެއް ކަމުގައިވާ ރޭނީސް ސަލިމް ވިދާޅުވެފައި ވެއެވެ. ރޭނީސް ސަލީމްގެ މި މެސެޖާއި ގުޅިގެން ތަހުގީގު ޓީމުން ބަލަމުންދާ މަސައްލަތަކުގެ ތެރޭގައި އޭނާގެ މައްސަލަވެސް ހިމެނެއެވެ.

ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ބަލާ، އެޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ދެއްކުމަށް އާންމު މެމްބަރުންނާއި ސެނެޓްގެ ޕްރެޝަރ ބޮޑުވެފައިވާއިރު، މާލޭ ސިޓީގެ މޭޔަރ މުއިއްޒުއަށް ރިޔާސީ ޓިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ޕީޕީއެމްއަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް ޕީޕީއެމްއިން ބަލަން ފެށުމާއެކު އޭނާވަނީ އެޕާޓީން މީގެކުރިން ވަކިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
ޔާމީނު މަރު ވެއްޖިއްޔާ މިމީހުން ޕާރޓީ ވަޅުލާނީ ހެއްޔެވެ؟ މީ ކޮންވައްތަރު ސިޔާސީ ޕާރޓީ؟ ރަސްކަމުގެ ދުވަސް މާޒީވެ މިމީހުންގެ ވިސްނުމުގައި އަދިވެސް ނުދެއެވެ.
ޢ ޢަލީ
މިވެސް ޑިމޮކްރަސީ ވައްތަރެއް.