އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައި ހަރުގެ ހިންގާ އިމާރާތް ހުސްކުރުމަށް އެތަނުގެ ވެރިފަތާން މިދިޔަ މަހު ވަނީ އަންގާފައެވެ. ހަރުގެ ހުސްނުކޮށް އެމްޑީޕީން ވަނީ ވެރިފަރާތް ގޮވައިގެން ސިވިލްކޯޓަށް މައްސަލލަ ހުށަހަޅާފައެވެ. އެމްޑީޕީން ސިވިލް ކޯޓުގައި މިއަދު އެދުނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެކަމަކު އެ ކޯޓުން ނިންމި ނިންމުމުގައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
އެމްޑީޕީން އެ މައްސަލާގައި ދައުވާކުރަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް ހަރުގެ ބޭނުން ކުރުމުގެ ހައްގު އެ ޕާޓީއަށް ލިބިގެންވާ ކަމަށް ކަނޑައެޅުމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ހަރުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ ހަރުގެއަކަށް ބަދަލު ކުރުމުގެ މަސައްކަތް ގޭގެ ވެރިފަރާތުގެ ހުއްދައާއިއެކު އިއްޔެ ވަނީ ފަށާފައެވެ. އެގޮތުން އެމްޑީޕީގެ ހަރުގޭގައި ހުރި އެކިއެކި ޕޯސްޓަރުތައް ވެސް ވަނީ ނައްޓާލައިފައެވެ. އަދި އެތަނުގައި ހާކާފައި ހުރި ރީނދޫ ކުލައިގެ ބަދަލުގައި މަޑު ނޫކުލަ ލާން ވަނީ ފަށައިފައެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން މާލޭގައި ހުންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ޕާޓީން ބޭނުން ކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވައިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށެވެ.