އިދިކޮޅު ޕީޕީއެމްގެ މުޒާހަރާއަކުން ހައްޔަރުކުރި ބަޔަކު ރޭގަނޑު ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުކުތުން މަނާކުރުން ހިމެނޭ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް ހައި ކޯޓުން ބާތިލްކޮށްފިއެވެ.
އިދިކޮޅުން މާލޭގައި ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، މިދިޔަ އޭޕްރިލް 13 ވަނަ ދުވަހު މުޒާހަރާގެ ބައެއް ބައިވެރިން އާރްޓީއެލްގެ ބަހަކަށް މަގުމަތިން ހުރަސްއެޅި މައްސަލައެއްގައި އަށް މީހަކު ހައްޔަރުކޮށް، ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެ އަށް މީހުން 15 ދުވަހަށް ބަންދުކުރާށެވެ. ފުލުހުން ބުނީ އެ މީހުން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވެ، އާންމު ދަތުރުފަތުރު ކުރުމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަަށެވެ.
އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މީހުންނަށް ކުރި ޝަރުތުތައް ހައި ކޯޓުން އިއްޔެ ބާތިލްކުރީ ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިކަމާ މެދު ދަށު ކޯޓުގެ އަމުރުގައި ގޮތެއް ނިންމާފައި ނުވާތީއެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ޝަރުތުކޮށްފައި މީހަކު ދޫކުރެވޭނީ ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރެގެން ކަމަށާއި އެކަމަކު ކްރިމިނަލް ކޯޓުގެ އަމުރުގައި ހެއްކާ ބެހޭ އެއްވެސް ވާހަކައެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.
ބައެއް މީހުންނަށް ގެއިން ބޭރަށް ނުކުމެވޭނެ ކާފިއުއެއް ކަނޑައެޅި އިރު، އެކި މީހުންނަށް ކުރީ އެކި ޝަރުތެވެ. އެގޮތުން ހަ މީހަކަށް ވަކި ވަގުތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް "ކާފިއު"އެއް ހެދި އިރު، އެފަދަ ޝަރުތެއް ނުކޮށް ދެ މީހަކު ދޫކޮށްލިއެވެ. ކާފިއު ދީފައި ދޫކޮށްލި މީހުންގެ ތެރެއިން ފަސް މީހަކު ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުދިޔުމަށް ޝަރުތުކުރި އިރު، ރޭގަނޑު 8:00އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށް ވެސް މީހަކަށް ޝަރުތުކުރިއެވެ.
އޭގެ އިތުރުން، އުޅޭ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުމަށް ފަސް މީހަކަށް ޝަރުތުކުރި އެވެ. ހައްޔަރު ކުރި ހުރިހާ އެންމެނަށް ވެސް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ފުލުހުންގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ މާލެއިން ބޭރަށް ނުދިޔުމެވެ.
ކްރިމިނަލް ކޯޓުން އެ އަމުރުތައް ނެރުނީ، އެފަދަ އަމުރުތައް ނެރޭ އިރު އަމަލު ކުރަން ޖެހޭ ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ އެ އަށް މީހުންގެ ފަރާތުން ދަށު ކޯޓުން ނެރުނު އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެހެންވެ، އެ ޝަރުތުތައް ކުރި އަމުރު ބާތިލްކުރީ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ. އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު އަހުމަދު ޝަކީލެވެ.