ފީއަލީ އައިސްޕްލާންޓް ރައީސް ހުޅުއްވައިދެއްވައިފި

ފީއަލީ އައިސްޕްލާންޓް ރައީސް ހުޅުއްވައިދެއްވައިފި

Author
އަޒްފާ ރަޝީދު
28 މެއި 2023 08:24
0

ފ.ފީއަލީގެ އައިސް ޕްލާންޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.

ފީއަލީގެ އައިސް ޕްލާންޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ފީއަލީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށާއި، ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކަމަށެވެ. އަދި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުން ވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ސާލިހު ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ފެނަކައިގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި، ފީއައްޔަކީ މަސްވެރިރަށެއްކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ގެނައި ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ލަސްތަކެއް ނުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް ފީއަލީގައި އިތުރު މަޝްރޫއުތައް ހިންގާނެ ކަމަށާއި، ފީއަލީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.