ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ޗެއާމަނަކަށް ހުންނެވި އަހްމަދު މައުސޫމް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން އުޅުއްވާ އާ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު މިއަދު އެމްޑަބްލިއުއެސްސީގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުސޫމް އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައި އިސްތިއުފާގެ ސިޓީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ފޮނުއްވާފައިވާކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މައުސޫމް މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބު ހާމަނުކުރެއްވި ނަމަވެސް، އޭނާ ވަނީ ނަޝީދު އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އިއްޔެ ސޮއިކުރައްވާފައެވެ. މައުސޫމް އެ މަގާމަށް އައްޔަނުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ޑިމޮކްރެޓްސް ޕާޓީއަށް ސަރުކާރު މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަނު ގުޅެމުން އަންނައިރު، މިސަރުކާރުން ވަނީ އެ ޕާޓީއާއި ގުޅުނު ބައެއް މެމްބަރުން މަގާމުތަކުން ވެސް ވަކި ކޮށްފައެވެ. އޭގެ ތެރޭގައި އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންޞާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާންގެ އިތުރުން ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އާޝިޔަތު އަލައިކާ އަދުނާން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ