ރާއްޖޭގެ އިޤްތިޞާދަށް ދިމާވި އެންމެ ބޮޑު އެއްގޮންޖެހުން ކަމުގައިވާ ކޯވިޑް-19ގެ ހާލަތުން އަރައި ގަތުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތްތައް ދުނިޔޭގެ އެކި ޤައުމުތަކުން ބަލައިގަނެ، އަދި އެޅި ފިޔަވަޅުތައް އޮޅުން ފިލުވުމަށް ގުޅައި އޮޅުންފިލުވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ފ. ބިލެއްދޫގައި ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑްގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް ކައިރި ގައުމުތަކަށް ރަނގަޅު މިސާލަކަށް ވި ކަމަށެވެ. އެ ހާލަތުގައި ދިވެހި ސަރުކާރަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅަކީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މާލީ ހާލަތު ދަށްވެ، މުޅި ދައުލަތް އިނދަޖެހިފައިވާ ސްރީ ލަންކާ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެ ގައުމުގައި ހިންގި ބޮޑެތި މަޝްރޫއުތައް ކޮވިޑްގެ ތެރޭގައި ހުއްޓާލުން ކަމަށް އެ ގައުމުގެ މިނިސްޓަރަކު އެ މަނިކުފާނު ބައްދަލުވި ދުވަހެއްގައި ވިދާޅުވިއެވެ. އެ ގައުމުގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމަށް ހުޅުވާ ނުލައި މާ ގިނަ ދުވަހު މަޑުކުރުމުން ގެއްލުން ބޮޑުވީ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭރު ލަންކާގެ މިނިސްޓަރެއް ވިދާޅުވި ހެދުނު އެންމެ ބޮޑު ގޯހަކީއޭރު ލަންކާގައި ފަށާފައި ހުރި އިންފްރާސްޓްރަކްޗާގެ މަސައްކަތް ހުއްޓާލުން ކަމަށް، މުޅި ރަށް ހުއްޓުމަކަށް އައޭ، ވަޒީފާތައް ގެއްލުނޭ، ވިޔަފާރިތައް ހުއްޓުނޭ.
– ރާޖަޕަކްސައަށް ބޮޑުބޭބެ ކިޔާ ދަރިއަކާ ހަވާލާދީ ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ބޯޑަރު ބަންދުކޮށް، ފަތުރުވެރިންނަށް ހުޅުވާނުލައި ދިގު ދެންމުން ވެސް އޭނާ ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން ސީޝެލްސްގެ ވެރިން ވެސް ސުވާލު ކުރި ކަމަށާއި ރާއްޖެއިން ދެއްކީ އެހެން ގައުމުތަކަށް ވެސް ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ސީޝެލްސްގެ ރައީސް ގުޅުއްވި، ވިދާޅުވީ ކިހިނެއްހޭ ތި ހަދަނީ، ރާއްޖޭގައި މީހުން މަރުނުވަނީ ކީއްވެ ހެއްޔޭ. އަޅުގަނޑު އޭރު އަޅާފައި ހުރި ފިޔަވަޅުތައް ހިއްސާކުރިން. ރާއްޖެ އިން ފިޔަވަޅު އެޅި ގޮތަށް ސީޝެލްސް އިން ވެސް ފިޔަވަޅު އެޅީ.
– ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އެކަން އެގޮތަށް ހިނގައިދިޔައީ އެކަމުގައި ހިމެނޭ ހުރިހާ އެންމެންދިން ލަފާގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއް ތެރޭގައި އުޅޭ ފަންނީ އެންމެންގެ ހިޔާލާއި މަޝްވަރާއެއް ހޯދައިގެން ކަމަށެވެ. ރާއްޖެ އަށް ކޮވިޑްގެ ހާލަތު ރަނގަޅަށް މެނޭޖު ކުރެވުނީ އެހެންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ