ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން 2020 ވަނަ އަހަރު ވެގެން މިދިޔައީ އެހެން އަހަރުތަކާ ވަރަށްވެސް ތަފާތު އަހަރަކަށެވެ. އާއްމު މަސައްކަތްތަކާއި ދުރުހެލިވެ ގިނަ ދުވަސްތަކެއް ގޭގައި ހޭދަކުރަން ޖެހި ގިނަ ބަޔަކަށް ދިރިއުޅުމާ ބެހޭ އިތުރު ކަނތައްތައް ދަސްކުރަން ފުރުސަތު ލިބިގެންދިޔަ އަހަރަކަށެވެ.
އަހަރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު މިއަހަރާއި ބެހޭގޮތުން ސުވާލުކޮށްލުމުން ގިނަ ބަޔަކު ބުނަނީ ފޫހި އަހަރެއް ކަމަށެވެ. އެހެން ނަމަވެސް ފިލްމީތަރި ޝިލްޕާ ޝެޓީގެ ހިޔާލު މިކަމުގައި ވަރަށް ތަފާތެވެ.
ޝިލްޕާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއާއި އެކު މި އަހަރާ ބެހޭގޮތުން އޭނާގެ ހިޔާލުވެސް ވަނީ ފައުޅުކޮށްފަ އެވެ. އެތަށް ދުވަހެއް ގޭގައި ހޭދަކުރަން ޖެހުނު ނަމަވެސް މާޔޫސް ނުވާކަން ހާމަކުރަމުން ޝިލްޕާ ލިޔެފައިވަނީ 2020 އިން އޭނާއަށް ދަސްވި ފިލާވަޅަކީ ފައިދާހުރި މުހިންމު ކަންތައްތަކުގައި މަސްއޫލުވެ އުޅޭވަރަށް ގޭގައި އިށީނދެލައި ގުދުރަތީ ކަނތައްތަކާ ވިސްނާލައި، އަމިއްލަ ދިރިއުޅުމާދޭތެރޭ ވިސްނުމަކީވެސް މުހިއްމު ކަމެއްކަމަށެވެ.
ބޮލީވުޑުގެ ފިލްމީތަރި ޝިލްޕާ ޝެޓީ އަކީ އަބަދުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޮލޯވަރުންނަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ހިތްވަރު ލިބޭފަދަ ޕޯސްޓުތައް ވަރަށް ގިނައިން ހިއްސާކުރާ ތަރިއެކެވެ.
ފިލްމީ ދާއިރާއަށް ބަލާލާއިރު އޭނާ 14 އަހަރަށް ފަހު އަލުން ބޮޑު ސްކްރީނަށް އަންނަ ފިލްމު "ނިކަންމާ" މިހާރު އޮތީ ތައްޔާރަށެވެ. މިއަހަރު ބެލުންތެރިންނަށް ދޫކޮށްލަން ކުރިން ޝެޑިއުލްގައި އޮތް މި ފިލްމުވެސް ލަސްވެފައި މި ވަނީ ކޯވިޑް-19ގެ ސަބަބުންނެވެ. މި ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ފެންނަވަރު ވާނެއެވެ.
ކޮމެންޓު ފޮނުވާ