ސްޕަސްޓާރު ޝާހުރުކް ހާންގެ މަޝްހޫރު ފްރެންޗައިޒް "ޑޮން" ގެ 3 ވަނަ ފިލްމް އިން އޭނާ ފެނިގެން ނުދާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނަން ފަށައިފިއެވެ.
"ޑޮން"ގެ އެއް ވަނަ ފިލްމާއި ދެ ވަނަ ފިލްމަށް ބޮޑު ތަރުހީބެއް ލިބި، މީގެ ތިން ވަނަ ފިލްމެއް ހަދަން އުޅޭ ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ދާދިފަހުން ވަނީ އިއުލާން ކޮށްފައިއެވެ.
ފިލްމީ ޚަބަރުތައް ގެެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ޑޮން" އަކީ މިހާރު ޝާހްރުކް ކުޅެން މާ ގަޔާވާ ޒާތުގެ ފިލްމެއް ނޫނެވެ. އެހެންވެ އޭގެ ތިން ވަނަ ބައިގައި ހިއްސާވުމުގެ އެއްވެސް ޝައުގުވެރި ކަމެއް އޭނަގެ ނެތެވެ.
ފިލްމުގެ ސްކްރިޕްޓް ލިޔެ ނިމެން ކައިރިވެފައިވާއިރު ޝާހް ފިލްމުގައި ބައިވެރިވާން ބޭނުން ނުވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ޝާހްގެ ބަދަލުގައި ރަންވީރު "ޑޮން"ގެ ބައި ކުޅެން ހަމަޖެހިފައިވާ ކަމަށާއި މި ފިލްމު ކުޅެން އޭނާއަށް ލިބިފައިވާކަމަށް ރަންވީރު ބުނި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މީގެ ކުރިން ގެނެސްދިން ޑޮން ގެ ދެ ފިލްމް ގައިވެސް ޝާހު އާއި އެކުގައި ލީޑުން ފެނިގެން ދިއައީ ޕްރިޔަންކާ ޗޯޕްރާއެވެ. ނަމަވެސް ތިން ވަނަ ބައިން ޕްރިޔަންކާ ފެންނާނެތޯ ނޫންތޯ ވެސް އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. މީވެސް ޝާހު މި ފިލްމް ކުޅެން ބޭނުން ނުވުމުގެ އެއް ސަބަބު ކަމުގައިވެސް ވެދާނެއެވެ.
ރަންވީރު އަކީ "ޑޮން 3″ ޕްރޮޑިއުސްކުރާ އެކްސެލް އެންޓަޓައިންމަންޓްގެ ފޭވަރިޓް އެކްޓަރުންގެ ތެރެއިން އެއްވަނައިގައިވާ އެކްޓަރެވެ. ވީމާ ޝާހް ރުކް ނުކުޅޭނަމަ "ޑޮން 3″ އޭނާއަށް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މީގެ ކުރިން ރަންވީރު ވަނީ އެ ކުންފުނީގެ ދެ ފިލްމެއް ކުޅެފަ އެވެ. އެއީ "ގަލީ ބޯއީ" އާއި "ދިލް ދަޅަކްނޭ ދޯ" އެވެ.
ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރީ 2011 ގައި ގެނެސްދިން "ޑޮން 2″ އެވެ. އަދި މީގެ ފުރަތަމަ ބައި ރިލީޒްކުރީ 2006 ގަ އެވެ.