ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާވާ ދެޤައުމު ކަމުގައިވާ ޗައިނާ އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު އެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ