ސިފައިންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ސިފްކޯ ހިޔާ" ފުލެޓްތަކުގެ ކުއްޔައް ލުޔެއް ދިނުމަށް ރައީސުލްޖުމޫރިއްޔާ ވިސްނަވާ ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "ސިފްކޯ ހިޔާ" 330 ފްލެޓުގެ މަސައްކަތް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ނިންމައި ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. ސިފައިންގެ ފްލެޓުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު، 2013 ގައެވެ. އެ މަސައްކަތް ޑިފެންސް މިނިސްޓްރީން އޭރު ހަވާލުކުރީ ނޫމަޑި ރިސޯޓު އެންޑް ރެޒިޑެންސްއާއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އާއި މަޝްރޫއުގެ ސްޕީޑް ލަސްވާތީ އެއްބަސްވުން ބާތިލް ކުރިއެވެ.
އޭގެ ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މުވައްޒަފުންނަށް މުސާރަ ނުދެވުމުން އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ. އެހެންވެ، ސިފައިންގެ ފްލެޓްތައް ނިންމަން އެންމެ ފަހުން ހަވާލު ކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ.
ރޭގެ ހަފްލާގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް "ސިފްކޯ ހިޔާ" ފުލެޓްތަކުގެ ކުއްޔައްވެސް ލުޔެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިސްނަވާ ކަމަށެވެ. ނަމަވެސް ލުޔެއް ދެއްވުމާއި ގުޅޭ މާބޮޑު ތަފްސީލެއް ވަޒީރު ދެއްވާފައި ނުވެއެވެ.
އެޖުޓަންޓް ޖެނަރަލް ކޯރ ގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު މިރޭ ބާއްވައިފި. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ "Unit of Excellence Award” ހަވާލް ކޮށްދެއްވީ މިނިސްޓަރ @MariyaDidi . pic.twitter.com/WNkE4VWlCo
— Ministry of Defence (@MoDmv) May 24, 2023
ރޭގެ ޖަލްސާގައި މިނިސްޓަރ ވަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލް ގެނައުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ދިފާޢީ ގުޅުންތައް މުރާޖަޢާކޮށް، ކުރެވުނު މަސައްކަތުގެ ތެރެއިން ކުރިން ނުކުރެވި ހުރި ކިތަންމެ ކަމެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ދާއިރާއެއް އިސްތިސްނާ ކުރެއްވުމެއް ނެތި ދިފާޢީ ބާރު ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުން ފެންނަމުންދާ ކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.