މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ 1 ވަނަ ދުވަހުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 34،082 ޓަނުގެ މަސް ގަނެފައެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި މިފްކޯއިން ގަނެފައިވާ މަހުގެ ޢަދަދަކީ 26،694 ޓަނުގެ މަހެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %28 އިތުރު ޢަދަދެކެވެ.
މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ ޢަދަދު އިތުރުވެފައިވާއިރު މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ބައި ބިލިއަނާއި ގާތްކުރާ ޢަދަދަކަށް މަސްވެރިންނަށް ވަނީ ފައިސާ ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 567،035،746 ރުފިޔާއެވެ. 2022 ވަނަ އަހަރު މި އަދަދު އުޅުނީ 430،523،358 ރުފިޔާގައެވެ.
މިފްކޯގެ 29 އަހަރުގެ ތަރީޚުގައިވެސް މިދިޔަ އަހަރަކީ އެ ކުންފުނިން އެންމެ ގިނަ ޢަދަދެއްގެ މަސްގަނެ އެންމެ ބޮޑު ޢަދަދެއް މަސްވެރިންނަށް ދޫކުރި އަހަރަށްވާއިރު މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު މިއަހަރު މަސްގަނެފައިވާ ޢަދަދު އިތުރުވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ