ވަންނާނެ ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ހިޔާތަކުގައި "ވަގުތީ ޝެލްޓަރ" އެއް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙާލަތު ދެނެގަނެ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން މި ޙައްޞާޞް އިޖްތިމާޢީ މައްސަލައަށް ހައްލެއް ހޯދައި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ޚިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ ބޭނުންވާ އަސާސީ ޙައްޤުތައް (ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ކުރަން ފެށިފައިވާ މަސައްކަތުގެ ތެރެއިން ޙާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ހިޔާތަކުގައި "ވަގުތީ ޝެލްޓަރ" އެއް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ. މި ޝެލްޓަރއަށް ގެންދެވޭ މީހުންގެ ޙާލަތު ވަޒަންކުރުމަށްފަހު އެސެސްމަންޓުން ފާހަގަކުރެވޭ ބޭނުންތަކަށް ރިޢާޔަތްކޮށް އެއިގެ ތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާއަށް ބޭނުންވާ ފަރާތްތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނެޝަނަލް ޑްރަގް އޭޖެންސީއިން ބަލަހައްޓަމުން ގެންދާ ޑިޓޮކްސް ކޭމްޕްގައި ބޭތިއްބޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖެހިފައިކަމަށެވެ.
ކ.ގުޅީފަޅުގައި އާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ މަރުކަޒްތަކުން ވަގުތީ ބޯހިޔާވަހިކަމާއި އަސާސީ ޙައްޤުތައް ކަށަވަރުކުރުމާއި އެހެނިހެން އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު މި މަރުކަޒްތަކަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ ރުހުމާއިއެކު އެފަރާތާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. މި މަރުކަޒްތަކަށް ގެންދެވޭ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި ބޭނުންވާ ފަރުވާގެ އިތުރުން ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއެކު ހުރި ހުނަރުތައް ދެނެގަނެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތަށް ހިންގުމާއެކު ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ރޭވިފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ