ވޭތުވެދިޔަ 100 އަހަރު ތެރޭގައިވެސް، މި ސަރުކާރުން ނޫނީ މަސްވެރިކަމަށް އަހައްމިއްޔަތުކަން ދިން ސަރުކާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، އެމް.ޑީ.ޕީ ވެރިކަމެއް އޮވެމެ، އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ އެހެން ގައުމަކަށް އެއްވެސް އެއްޗެއް ނުލިބި، ރާއްޖެއަށް އެއްކޮށް ކަނޑު ނެނގޭގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނު ތަން ނުދޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ 200 މޭލާއި، އެހެން ގައުމެއްގެ 200 މޭލާއި ފުށުއަރާނަމަ، ދެ ގައުމުގެ ދެމެދުގައި އެ ބައި ބަހަންޖެހޭނެ ކަމަށާ، ގާނޫނު އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިޓްލޮސްގެ ނިންމުމާއި އެކު ރާއްޖެއަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާ، އެ މައްސަލާގައި ރާއްޖެއަށް ހައްގުވާ ހުރިހާ އެއްޗެއް ރާއްޖެއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބަހުސްގެ ތެރެއިން އިދިކޮޅު މެންބަރުންވަނީ، ޗާގޯސްގެ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ މަސްވެރިކަމަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ވިދާޅުވެފަ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ސަމާސާ އަކަށްވެސް އެފަދަ ވަގު ބަދުނާމް ރާއްޖޭގެ އަވަށްޓެރި ގައުމެއްގެ އިސްތަށިފުޅުގައި އަޅުވައިގެން ނުވާނެ ކަމަށާއި، އެހެނީ އެފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.