ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން"ގައި ހަރަކާތްތެރިވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއިއެކު ޕާޓީއަށް ފޯމު ފުރުމަށް ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދަނީ ތައްޔާރު ވަމުންނެވެ.
މިހަރަކާތުގެ މައި ޖަގަހައަކީ ބޮޑުފެންވަޅުގެއެވެ. ބޮޑު ފެންވަޅުގޭގައި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ނިންމި ހިސާބުން ފެށިގެން ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. މިހަރަކާތްތަކުން މިކަމުގައި އިސްކޮށް އުޅުއްވާ މަޖިލިސް މެމްބަރުންނާއި، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތެރިވި ބޭފުޅުންނާއި އެކްޓިވިސްޓުން ހިމެނެއެވެ.
ބޮޑުފެންވަޅުގޭގައި މިރޭވެސް ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނުމާއިއެކު ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. ޚަބަރު އޮންލައިނާއި ވާހަކަ ދެއްކި މިހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ އިލެކްޝަނުން ހުއްދަ ދޭ ވަގުތުން ފެށިގެން އެތައް ބަޔަކު ޕާޓީއަށް ސޮއި ކުރަން ބޭނުންވާކަމަށް.
އަޅުގަނޑުމެންނަށް ހުއްދަ ލިބުމާއިއެކު ސޮއިކުރަން ބޭނުންވާ އެތައް ބަޔަކު އެބަތިބި. މިހާރު މިކުރަނީ ސޮއި ކުރަން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކޮށްލެވޭނެ އިންތިޒާމުތައް ހަމަޖައްސަން.
– އޭނާ ވިދާޅުވިއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު މެންބަރޝިޕް ފޯމު ފުރުމުގެ މަސައްކަތް ފަށައިގަތުމުގެ މަޝްވަރާ ގ. ބޮޑުފެންވަޅުގޭގައި ކުރިއަށްދަނީ 🙌🏾#WeTheDemocrats pic.twitter.com/4SaZcEYvVn
— The Democrats (@TheDemocratsMV) May 22, 2023
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއިމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވަން ޖެހެއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ބުދަ ދުވަހު ބާއްވާ އެ ކޮމިޝަންގެ ޖަލްސާއަށްފަހު މިކަމުގައި ގޮތެއް ނިންމަވާނެކަމަށެވެ.
ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ޙަސަން ލަޠީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅުއްވާނެކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ. ނަމަވެސް އެޕާޓީން ނެރޭނެ ކެނޑިޑޭޓެއް އަދި ކަނޑަނާޅުއްވާކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.