ރައީސް ޔާމީނަކީ، 2023 ގެ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއްޕާޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައެވެ. އެއީ އެ މަނިކުފާނު ވަރަށް ކުރު މުއްދަތެއްގައި ޤައުމަށް ކޮށްދެއްވި ޚިދުމަތުގެ އަގު އެ ޕާޓީން ވަޒަން ކުރުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ކުރު ހަޔާތުގައި، ކުރީގެ ވެރީން، އެބޭފުޅުންގެ ވެރިކަމަށްފަހު ޖަލަށް ދާންޖެހިފައި އޮންނަ އޮތުމާއި، މިހާރު އަށެގެންފައިވާ އޭގެ ސަގާފަތާއި އެއްގޮތްވާ ގޮތުގެ މަތިން، ވެރިކަމުގެ ދައުރަކަށްފަހު ރައީސް ޔާމިންވެސް މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ނަތީޖާއެއްގެ ގޮތުން، އެ މަނިކުފާނު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމުގެ އިސްތިޢުނާފުގެ މަރުޙަލާ ނިމި ޖަލުން މިނިވަންވުމުން މެނުވީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތެއް ނެތެވެ. އިވޭ ބައެއް އަޑުތައް ބުނާ ގޮތުގައި ރައީސް ޔާމީނަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިވަޑައި ނުގަތަސް އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރޭނެއެވެ. ސުވާލަކީ، ޕީޕީއެމުން އިންތިޚާބުގައި ވާދަ ނުކޮށް، ޕީޕީއެމް މިހާރު އޮތްގޮތަށް އޭގެ ހައިބަތާއި ބާރާއެކު ބޮޑު ޕާޓިއެއްގެ ގޮތުގައި އޮވެދާނެ ތޯއެވެ؟
ނޫން. ޕީޕީއެމެއް ނޯންނާނެ. އިންތިޚާބުގައި ޕީޕީއެމުން ވާދަ ނުކުރާނަމަ، ޞާލިޙް ބަލި ކުރުމަށްޓަކައި ވާދަކުރާ ބައެއްގެ ފަހަތަށް ޕީޕީއެމުގެ މެންބަރުން އަރާނެ. ޞާލިޙް ބަލިކޮށްފައި އަންނަ ޕާޓީއަކާ ޕީޕީއެމުގެ މެންބަރުން ގުޅޭނެ. ކުރިއަށް އޮތް 5 އަހަރު މަގުމަތިވާކަށް ޕީޕީއެމުގެ މެންބަރުން ބޭނުމެއް ނުވާނެ. ވަޒީފާ ވެސް ބޭނުންވާނެ. އެކަންވާނީ މޮޅުވާ ޕާޓީއަކަށް ވަދެގެން. 2024 ގެ މަޖިލީހުގެ ފުރުޞަތެއް ވެސް އޭރުން ޕީޕީއެމަކަށް ނުލިބޭނެ.
ނަން ނުޖަހަން ޝަރުޠުކޮށް ޕީޕީއެމުގެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ އިސް ބޭފުޅަކު ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަ ނުކޮށް ޕީޕީއެމް "ޑީއާރުޕީ" އަށް ވާކަށް ލީޑަރޝިޕުން ބޭނުންވާނެހެން ހީނުވާ ކަމުގައެވެ. އަދި 2013 އަށް ވުރެ ވެސް ޕީޕީއެމަށް ވެރިކަމަށް އައުމުގެ ފުރުޞަތު މިފަހަރު މާބޮޑު ކަމަށްވެސް، އެޕާޓީން ކެނޑީޑޭޓަކު ނެރުމަށް ތާއީދުކުރާ ޕާޓީގެ އިސް ފަރާތްތަކުންވެސް ދެކެއެވެ.
ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާން ޖެހޭކަމަށް ދެކޭއިރު، ޚިޔާލު ތަފާތު ބައެއް ފަރާތްތައް ތިބިކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އެބަޔަކު ދެކޭގޮތުގައި، ޖޭޕީން އޮތީ ރައީސް ޔާމީނާ އެކު އެއްބަސް ވުމަކަށް އައިސްފައެވެ. ޖޭޕީ ވެރިކަމަށް އައުމަށްފަހު ރައީސް ޔާމީނު ޖަލުން ދޫ ކުރުމަށް އަހުދު ވެގެންނެވެ. އަދި ރައީސް ޔާމީނުގެ ލަފަޔާ އެކު ޤާސިމްގެ ކެބިނެޓް އެކުލަވާ ލެއްވުމަށެވެ. ސަރުކާރުގެ ވަޒީފާތައް ވެސް ރައީސް ޔާމީނުގެ ލަފަޔާއެކު ދެއްވުމަށެވެ. ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީން ކުރިމަތި ނުލައި ގިނަ ދާއިރާތައް ޕީޕީއެމަށް ދިނުމަށެވެ.
މީ އެއްބަޔަކު ބުނާ ގޮތެވެ. ބުރަވާ ގޮތެވެ.
އެހެންނަމަވެސް، މި ބީދައިން ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަ ނުކޮށް އެފަދަ އަވާމެންދުރެއްގައި ޖެހުމަކީ، ބުއްދި ސަލާމަތުން ހުރި މީހަކު ޤަބޫލު ކުރާނެ ވާހަކައެއް ނޫންކަމުގައެވެ.
މިހާތަނަށް ރާއްޖޭގައި ކަންހިނގާފައިވާ މަގަށް ބަލާއިރުވެސް ޕީޕީއެމުން ވާދަ ނުކުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މިސާލު ދައްކަވަމުން ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި 2008 ގައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ، ޤާސިމުގެ އެހީތެރިކަމާ އެކުއެވެ.
އެހެންނަމަވެސް، ވެރިކަމަށް މަހެއް ނުވަނީސް ސަރުކާރު ތެރެއިން ނަޝީދު ޤާސިމް ބޭރު ކޮށްލެއްވީއެވެ. 2013 ގައި ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތީ ވެސް ހަމަ ޤާސިމުގެ އެހީތެރިކަމާ އެކުއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޤާސިމަށް ނުދެއްވި ތާނގައި، ސަރުކާރު ކޯލިޝަނުގައި ޖޭޕީ ބޭއްވި ނަމަވެސް ރަނގަޅުތާއެވެ. ޖޭޕީގެ އެންމެން ބޭރުކޮށް ކޯލިޝަން ރޫޅާލީއެވެ.
2023 ގެ ވެރިކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަޑައިގަތީ، ކޯލިޝަނުގެ ބައިވެރިންނަށް ކުރިޔަށްވުރެ މާގިނަ ކުލަ ހުވަފެންތަކެއް ދެއްކެވުމަށްފަހުގައެވެ. 12 މެންބަރުންނަށް ބޭނުން ދާއިރާއެއް ދޭން އަހުދު ކަށަވަރު ހިތްޕަވައިގެންނެވެ. އެ ދާއިރާތަކަށް އެމްޑީޕީން ކުރިމަތި ނުލައްވާގޮތަށް އެއްބަސް ވެގެންނެވެ. ބާކީ ހުރި ގޮނޑިތަކުގެ %40 އެމްޑީޕީއަށެވެ. އަނެއް %60 ކޯލިޝަނުގެ ބައިވެރިންނަށެވެ.
އެހެންނަމަވެސް އެ ވަޢުދު ބޮލާލާ ޖެހުމަށްފަހު އެމްޑީޕީން ހުރިހާ ދާއިރާއަކަށް މީހުން ނެރުނީވެ. އަހުދު އުވާލީއެވެ. ދެން އޮތީ ސަރުކާރުގެ ކެބިނެޓާއި، ހުރިހާ ވަޒީފާތަކެއްގެ ވެސް އެމްޑީޕީއަށް %40 އެވެ. އަނެއް %60 ކޯލިޝަނަށެވެ. އެކަމަކު މިކަން ވެސް ހިނގީ އެ މަގަކުންނޫނެވެ. ކޯލިޝަނަށް ލިބުނީ ކޮޅުކެއްސެވެ. ކޯލިޝަން އޮތީ ނަމެއްގައެވެ.
ޕީޕީއެމުގެ ކެންޑިޑޭޓަކު ނެތިއްޔާ ރައީސް ޔާމީނަށް ޕީޕީއެމް އޮންނާނީ، ތަސްމީނާއި ޖާބިރަށް ޑީއާރުޕީ އޮތް ހެން. އެތެރެ ހުސް ތޮށިގަނޑެއްގެ ގޮތުގައި. ޖޭޕީން ޕީޕީއެމުގެ ހުރިހާ މެންބަރުން ކަހާލާނެ. މަޖިލިސް ވެސް އޮންނާނީ ޖޭޕީއަށް.
ނަން ނުޖަހަން ޝަރުޠުކޮށް މި ނޫހަށް މަޢުލޫމާތު ދެއްވި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
އެހެންކަމުން މާޒީއަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު، އިދިކޮޅު ޕީޕީއެމުން ކެންޑިޑޭޓަކު ނެރެފިނަމަ ރައީސް ޔާމީނަށް ޖެހޭނީ ރައީސް މައުމޫނަށް ޖެހުނު ދަތުރެވެ. ރައީސް ނަޝީދަށް ޖެހުނު ދަތުރެވެ. މީ އެއްބަޔަކު ޖަހަމުންދާ ހިސާބެވެ.
އެހެންނަމަވެސް ރައީސް ޔާމީނާއި ރައީސް މައުމޫނާއި، ރައީސް ނަޝީދު އަޅާ ކިޔާލުމުން އެތައް ތަފާތެއް ފެންނާން އެބަހުއްޓެވެ. ގައުމަށް ކުރި ޚިދުމަތާއި، ގެންގުޅޭ ފަލްސަފާއާއި، އުމުރުގެ ގޮތުން ބެލިކަމުގައިވިނަމަވެސް ހުރިހާ ބޭފުޅުން ސިޔާސީ ކުރިމަގު އެއް ބީދައަަކުން ދަތުރުކޮށް ނިމިދާނޭ ކަމުގައި ގަބޫލުކުރަން ދައްޗެވެ. ރައީސް ޔާމިންއަކީ ވަރަށް ވަޠަނީ ބޭފުޅެކެވެ. ރައީސް ނަޝީދަކީ، ދިވެހިންގެ އާދަކާދައާއި ދުރު، ބީރައްޓެހި އުސޫލުތަކާއި ފަލްސަފާތައް އަބަދުވެސް ކުރިޔަށް ނެރުއްވާ ބޭފުޅެކެވެ. އެއީ އެއްވެސް އިރަށް މެޖޯރިޓީ ރައްޔިތުންގެ ތާއީދު އޮތް ފަލަސަފާއެއް ނޫނެވެ.
ރައީސް މައުމޫނާއި ރައީސް ޔާމިނާއި ދެބޭފުޅުން ގައުމީ ޚިދުމަތުގެ ރޮގުން ނުހަނު ކުރީގައި އުޅުއްވިއެއްކަމަކު ދެބޭފުޅުންގެ އުމުރަށް ބައްލަވާށެވެ. އުމުރުގެ ގޮތުނ ބެލިކަމުގައި ވިނަމަވެސް ރައީސް މައުމޫނުގެ ސިޔާސީ އިރު އޮއްސިއްޖެއެވެ. ރައީސް ޔާމިނަށް މުސްތަގުބަލް އެބައޮތެވެ.
އެހެންކަމުން، އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަރު ނެރުމަކުން ރައީސް ޔާމިނުގެ އަތްޕުޅުން ޕާޓީ ބީވެދާންވީ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ ރައީސް މައުމޫނާއި ރައީސް ނަޝީދު ކުރެއްވި ތަޖުރިބާ ރައީސް ޔާމިން ހަމަ އެބީދައިން ކުރައްވަންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ؟
އޭގެ ބަދަލުގައި ފެންނާއޮތީ، އެއާއި ޚިލާފު، ތަފާތު އެހެން މަންޒަރެކެވެ. ޕާޓީގެ ގެއްލިދާނެކަމުގެ ބިރަށް، ބަޔަކު މީހުން ދައްވާ ވާހަކަތަކާއި އޭގެ ވަސްވާވުގައި ޖެހި، ނުރަގަޅު ނިންމުމެއް ނިންމިއްޖެނަމަ، ގައުމަށް ހުރި ގެއްލުމާއި ހަލާކެވެ. ފެންނާން އޮތީ އެތައް ބަޔަކު މަގުމަތިވެގެންދާ މަންޒަރެވެ. ސިޔާސީ ކުރިމަގަށް ޕާޓީ ޕްލެޓްފޯމުގައި އެތައްބަޔަކު ކުރި އުއްމީދުތައް ވިއްސިވިހާލިވެ، ޕާޓީ ވުޖޫދުން ފޮހެވިގެން ދާނޭކަމުގެ ބިރެވެ.
ޕާޓީގެ އެތެރޭގައި ދިރުންނެތި، ސިޔާސީ ކުރިމަގު ބަނަވެ، ޚުދުމުޚުތާރުކަން ވެރިގެން ދިއުމުން ޑީއާރުޕީއާއި އެނޫންވެސް އެތައް ޕާޓީއެއް ވުޖޫދުން ފޮހެވިގެން ދިޔަ ފަދައިންނެވެ.