ޓައިވާނާއި ޗައިނާ އޮޅުނު ސިޓީ އިސްލާހުކޮށް ރުހުން ހޯދަން ހުށަހަޅައިފި

ޓައިވާނާއި ޗައިނާ އޮޅުނު ސިޓީ އިސްލާހުކޮށް ރުހުން ހޯދަން ހުށަހަޅައިފި

ރާއްޖެ އިން ޓައިވާނަށް ސަފީރަކު ކަނޑައަޅައި ދިނުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހުން ގޮތެއް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގެ އެ ކުށް އިސްލާހު ކުރެއްވުމަށް ފަހު، އަލުން މަޖިލީހަށް ފޮނުއްވައިފިއެވެ.

ޗައިނާއަށް އާ ސަފީރަކު އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުން ފެށީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ނަމަވެސް ސަފީރު އައްޔަނުކުރަން ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އޮޅިގެން ޖެހިފައި އޮތީ "ރިޕަބްލިކް އޮފް ޗައިނާ" އެވެ. ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނުން ބޭނުން ކުރާ ނަމެވެ. ޗައިނާއިން ބޭނުން ކުރާ ރަސްމީ ނަމަކީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ، ރައީސްގެ ސިޓީފުޅުގައި އެ ގައުމުގެ ނަން މިހާރު ވަނީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަށް ބަދަލު ކުރައްވާފައި ކަމަށެވެ. އަދި ޖެހުނު ކުށް އިސްލާހު ކުރައްވައި އާ ސިޓީފުޅެއް މަޖިލިހުގެ އިދާރާ އަށް ފޮނުއްވާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

ޓައިވާނަށް ދިވެހި ސަފީރަކު ކަނޑައަޅަން ސަރުކާރަށް އޮޅިގެން ފޮނުވުނު މައްސަލާގައި ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ ކިބައިން މާފަށް ވެސް އެދިފައެވެ. ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ. މި ފަހުން ވެސް ރާއްޖެ އިން ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ސަފީރުކަމަށް ހ. ފިލިގަސްދޮށުގޭ ހުދާ އަލީ ޝަރީފް އައްޔަން ކުުރުމަށެވެ. ހުދާ އަލީ ޝަރީފް މިހާރު ދަނީ ތައިލޭންޑަށް ރާއްޖެއިން ކަނޑައަޅުއްޗާފައިވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ފުރުއްވަމުން ނެވެ. އޭގެ އިތުރުން އޭނާއަކީ ޔޫއެން އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *