މިފްކޯގެ އާ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން މަސްކިރަން ފަށައިފި

މިފްކޯގެ އާ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން މަސްކިރަން ފަށައިފި

މިފްކޯއިން މަސްކިރަން އަލަށްގެނައި ޖަޒީރާ 103 ނަމަކަށް ކިޔާ ބޯޓު މަސްކިރަން ފެށިދުވަހު ހަލާކުވެގެން އެބޯޓަށް މަސްކިރުމުގެ އޮޕަރޭޝަން ހުއްޓިފައި އޮތުމަށްފަހު އަލު އެބޯޓު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ، އެކުންފުނީގެ މަސްކިރުމުގެ ކެޕޭސިޓީ އިތުުރުކުމަށް ރާއްޖެގެނައި މަސްކިރާ ބޯޓުން އަލަށް މަސްކިރަން ފެށުމާއެކު ކުރިމަތިވި މައްސަލަ ހައްލު ނުކުރެވި ބޯޓަށް މަސްކިރުން ހުއްޓުމަކަށް އައިސްފައިވާކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މިބަޔާނުގައި މިފްކޯއިން ބުނެފައިވަނީ ޖަޒީރާ 103 އަށް ދިމާވި މައްސަލައަށް ހައްލު ގެނައުމަށްފަހު މިހާރު އެބޯޓު އޮޕަރޭޝަނަށް ގެނެވިފައިވާކަމުގައެވެ. މިފްކޯގެ ބަޔާނުގައި ބުނެފައިވަނީ މިފްކޯގެ މަސްގަތުގެ އޮޕަރޭޝަންގައި މިހާރުވެސް 14 އުޅަދެއް ހަރަކާތްތެރިވަމުން ދާކަމަށާއި، މަސްކިރާ ބޯޓު ފަހަރުތަކަށް ދިމާވާ އެކިއެކި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އެކުންފުނީގައި ގާއިމް ކޮށްފައިވާ ކަމުގައެވެ.

އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފްކޯގެ މަސްގަތުމުގެ އޮޕަރޭޝަނަށް މަސްވެރިންނާއި އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މިފްކޯގެ ބަޔާނުގައި ބުނެފައި ވެއެއެވެ.

ފާއިތުވި އެޕްރިލްމަހު ރާއްޖެއައި ޖަޒީރާ 103 މަސްކިރާ ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

މިމަހުގެ 18ވަނަ ދުވަހު، މިބޯޓުން އަލަށް ރާއްޖޭގައި މަސްކިރަން ފަށާފައިވަނީ ދައުލަތުގެ ވަޒީރުން ގޮސް ގދ. ފަރެސްމާތޮޑާގައި ބޭއްވުނު ހާއްޞަ ބޮޑު ރަސްމިއްޔަތަކާއިއެކުއެވެ.

މި ބޯޓަކީ ގދ އަތޮޅަށް ހާއްޞަކޮށްގެން ގެނެސްފައިވާ ބޯޓެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލަށް މަސްކިރަން ފެށުމާއެކު ޖެހުނު މައްސަލަތައް ހައްލު ކުރުމަށް، ބޯޓު ގެންދެވުނީ ކޫއްޑޫއަށެވެ.

18 މޭއި 2023 ވީ ބުރާސްފަތި ދުވަހު ގދ.ފަރެއްމާތޮޑާގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި އަދި މިފްކޯގެ ސީއީއޯވެސް ވަނީ މިފްކޯއަށް އަލަށް ގެނައި މިބޯޓުގެ އޮޕަރޭޝަންތައް ފެށުމުން މަސްކިރުމުގައި ގާއިމްވެގެންދާނެ ލުއިފަސޭހަކަމުގެ ވާހަތަކާއި އަދި ބޯޓަކީ އެންމެ ޒަމާނީ ވަސީލަތައް ގާއިމްކުރެވިފައިވާ ބޯޓެއްކަމަށްވެސް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި ބޯޓުން ދުވާލަކަށް 120 ޓަނުގެ މަސްބޯޓަށް ކިރޭނެކަމަށް މިފްކޯގެ ސީއީއޯ ވިދާޅުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޯޓުގެ އޮޕަރޭޝަން އިފްތިތާހުކޮށް، މަސްކިރަން ފެށުމަށްފަހު، 60 ޓަނުގެ މަސް ނުކިރެނީސް ބޯޓުގެ ފިނިކުރުމުގެ ނިޒާމުގައި ހުރި ހޮޅިތަށް ފަޅައިގެންގޮސް މަސްކިރުން ހުއްޓުމަކަށް އައިސްފައި ވެއެވެ.

އަދި އޭގެ އިތުރުން މިބޯޓަކީ ދޯނިފަހަރު ކައިރިކޮށްގެން މަސްކިރޭނެ ގޮތަށް ފަރުމާ ކުރެވޮފައިވާ ބޯޓެއްނޫން ކަމުގެ ޝަކުވާވެސް ބައެއް މަސްވެރިން ކޮށްފައި ވެއެވެ. މިގޮތުން، ބޯޓުގެ ދެފަރާތުގެ އަރިމަތިން ބޭރަށް ނެރެފައިވާ ބައެއްގެ ސަބަބުބް ބޯޓަށް މަސްކިރަން ކައިރިކުރާ ދޯނިތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް މަސްވެރިން ބުނެފައި ވެއެވެ.

މިބޯޓުގެ އިތުރުން، މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓުތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ކުރިން ބުނެފައި ވެއެވެ. މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެކަމަަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބޮޑު ޚަރަދެއް ކޮށްގެން ރާއްޖެ ގެނައި މަސްކިރާ ބޯޓަށް މަސްކިރަން ފެށުމާއެކު ބޯޓުގައި މައްސަލަ ޖެހި މަރާމާތައް ދާން ޖެހުމާއި ގުޅިގެން، ބޯޓުގެ ފެންވަރާއި އަދި ބޯޓު ގެނައުމަށް ކޮށްފައިވާ މުއާމަލާތުތަކާއި ގުޅޭގޮތުން ގިނަބަޔަކު ސުވާލު އުފައްދާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *