6 މޭގެ ހަމަލާ: ހެއްކާ ގުޅޭގޮތުން އަލުން ގޮތެއް ކަނޑައަޅާ، ތަހުމީނުގެ ދެ ހެއްކެއް ބަލައި ނުގަތުމަށް ނިންމައިފި

6 މޭގެ ހަމަލާ: ހެއްކާ ގުޅޭގޮތުން އަލުން ގޮތެއް ކަނޑައަޅާ، ތަހުމީނުގެ ދެ ހެއްކެއް ބަލައި ނުގަތުމަށް ނިންމައިފި

ގުޅުންހުރި

2021 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ތަހުމީނު އަހުމަދު ހުށަހަޅާފައިވާ ހެއްކާއިބެހޭގޮތުން އަލުން ގޮތެއް ނިންމަން ކަނޑައަޅައި، އޭނާ ހުށަހެޅި ހެކިތަކުގެ ތެރެއިން 2 ހެއްކެއް ބަލައި ނުގަތުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު ގ. ކެނެރީން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަން ބޮޑީގާޑުންނާއެކު ވަޑައިގަންނަވަނިކޮށް ދިން ހަމަލާއާއި ގުޅިގެން މިހާރު ކޯޓުގައި ކުރިޔަށްދަނީ މިމައްސަލާގައި ޓަރަރިޒަމްގެ ދައުވާ ކޮށްފައިވާ ތަހުމީން އަހުމަދާއި، މުޖާޒު އަހުމަދާއި، އަލީ ހައިޝަމާއި، މުހައްމަދި ނާޒިމާއި އަދި ފަހުމީ އަލީގެ މައްސަލަތަކެވެ.

މީގެ ތެރެއިން ތަހުމީނަކީ ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ސައިކަލުގެ ބޮން ހަރުކުރި ކަމުގެ ތުހުމަތު ކުރެވޭ ފަރާތެވެ. މިމައްސަލާގައި ތަހުމީންގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ.

މިމައްސަލާގައި ދިފާއީ ހެކިން ހުށަހަޅަން އިބްތިދާއީ މަރުހަލާގައި ލިބުނު ފުރުސަތުގައި ތަހުމީން ދިފާއީ ހެކިން ހުށަނާޅާ އޭނާގެ ފަރާތުން ދިފާއި ހެކިން ހުށަހަޅާފައިވަނީ މުއްދަތު ފާއިތުވެ ދިޔަފަހުންނެވެ.

މިގޮތުން ތަހުމީނުގެ ވަކީލުން ވަނީ މުއްދަތުގައި ދިފާއީ ވަކީލުން ހުށަހެޅިފައި ނުވާކަމަށް އިއުތިރާފްވެ، އެހެންނަމަވެސް އޭގެ ސަބަބުން އޭނާގެ ހައްގު ގެއްލިގެންދާކަމަށް ވިދާޅުވެ ދިފާޢީ ހެކިން ހުށަހެޅުމުގެ އިތުރު ފުސަތަކަށް އެދިފައެވެ. އެއާއެކު ގާޒީން ނިންމަވާފައިވަނީ ހެކި ހުށަހަޅުމަށްފަހު ހެއްކާއި ގުޅޭގޮތުން ގޮތް ނިންމުމުގެ މަރުހަލާ އަލުން ކުރިޔަށް ގެންދިއުމަށެވެ.

މި ފުރުސަތުގައި ތަހުމީނުގެ ފަރާތުން 6 ދިފާއީ ހެއްކެއް ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް ދައުލަތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ތަހުމީނުގެ 6 ހެކިންގެ ތެރެއިން 2 ހެއްކެއް ބަލައި ނުގަތުމަށް ހުށަހަޅާފައެވެ. މި ދެހެކިންނަކީ ދައުވާ ހިމެނޭ ތަނުގައި ނެތްކަން ސާބިތު ކުރުމަށް ހުށަހެޅި 2 ހެކިންނަމަވެސް، ތަހުގީގު މަރުހަލާގައި ތަހުމީން ހަނު ހުރެފައިވާތީ، ތަހުމީނަށް ދައުވާ ހިމެނޭ ތަނުގައި ނެތްކަމުގެ ދިފާއު ނުނެގޭނެކަމަށް ނިންމަވާފައެވެ.

ގާޒީވަނީ ތަހުމީނަށް ހެކި ހުށަހެޅުމުގެ އިތުރު ފުރުސަތު ދޭތީ ހަމަ އެފުރުސަތު ދައުލަތަށްވެސް ދިނުމަށެވެ.

6 މޭގެ ހަމަލާގައި ތަހުމީނުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ