ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މިބައްދަލުވުމުގައި ގަވަރުނަރާއި އެމަނިކުފާނުގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިގޮތުން ޚާއްޞަގޮތެއްގައި ފަތުރުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ކުރިޔަށް އޮތްތަނުގައިވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާާޅުވެފައެވެ.