ނަޝީދު އަލަށް އުފައްދާ ޕާޓީއާއި ގުޅޭ މައުލޫމާތު ދޭނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ކަމަށް ކަނޑައަޅައިފިއެވެ.
ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
އަޅުގަނޑުމެން އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާގުޅޭ ކަންކަމުގެ ސްޕޯކްސްޕަރސަން އަކީ އަފްޝަން ލަތީފް ކަމުގައި ދަންނަވަން.
– ހަސަން ލަތީފް ވިދާޅުވިއެވެ.
އެލްޖީއޭގެސީއީއޯގެ މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރުމުގެ ކުރިން އަފްޝަން ހުންނެވީ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުގައެވެ. ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' އާ ގުޅިވަޑައިގެންނެވުމަށް އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.
މަގާމުން އިސްތިއުފާ ދެއްވަމުން ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި އަފްޝަން ވިދާޅުވެފައި ވަނީ، އެ މަގާމުގައި ވޭތުކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސީއީއޯގެ މަގާމުގައި ހުންނަވައިގެން އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާއި، އިސްކަން ދެއްވި ކަންތައްތަކުގެ އިތުރުން، ކުރެއްވި މަސައްކަތްތައްވެސް އެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ. ކައުންސިލްތަކުން މިހާރު ކުރިއަށްގެންދާ އެންމެ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ ކާމިޔާބު ގުޅިފައި ވަނީ ލިބިގެންދާ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ 12 މެންބަރަކު ވަނީ މިދިޔަ ހަފްތާގައި އެމްޑީޕީން ވަކިވެފައެވެ. އަދި ބުދަ ދުވަހު ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާން ކޮށްފައެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން ހެދުމަށް ގަސްތުކުރާ ޕާޓީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުކުރު ދުވަހު ހެނދުނު 06:00ގެ ނިޔަލަށް ހުޅުވާލައިފައެވެ. ޕާޓީ އަށް ކިޔާނެ ނަން، ނަމުގެ ތަފްސީލު ކުލަ އަދި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ވަނީ އޮންލައިންކޮށް ހުޅުވާލައިފައެވެ.
ކޮމެންޓު ފޮނުވާ