އެންދަމަން މޫދަށް ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިގާފައިވަނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި، ފ.ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރަމުން އަންނަ ގުރުވަ ނަމަކަށް ކިޔާ ދޯނިން އެންދަމަން، އެދޯނިން މޫދަށް ފޭބި ފަޅުވެރިއެއްގެ ފަޔަށް މިޔަރެއް ހަމަލާދީގެންނެވެ. އެންދަމަން ފިލިލާން ފޭބި މި މީހާގެ ފައިގެ ކުޑަކަޅުވާގައި މިޔަރު ދަތްއެޅުމުގެ ސަބަބުން އެތަނުން ބައެއް ވަނީ ނައްޓައިގެން ގޮސް ޒަހަމްތަކެއް ލިބިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާއާއި ގުޅޭގޮތުން، މަސްވެރިކަމާއި ގުޅޭ ޚަބަރުތައް ރިޕޯޓު ކުރާ ނޫހަކުން، ގުރުވަ ދޯނީގެ ކެޔޮޅު އަލީ ޒާހިރުއާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފާނަ މަސްވެރިކަމަށް ބޭނުންވާ އެންދަމަން މ އަތޮޅު ގޮނެފަޅުގެ ދަށުފަޅަށް އެ ދޯނީގެ ފަޅުވެރިއަކު ފޭބި ވަގުތު މިޔަރެއް އޭނާގެ ފައިގެ ކުޑަކަޅުވާއަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށާއި އެ ފަޅުވެރިޔާއަށް މިހާރު މ.މުލީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ނަމަވެސް ފައިގެ ނާރުތަކަށް އިތުރު ގެއްލުންތަކެއް ލިބިފައި ވޭތޯ ބެލުމަށް ޓެސްޓްތައް ހެދުމަށް މިއަދު މާލެ ގެންދަން ނިންމާފައިވާ ކަމުގައިވެސް އަލީ ވަނީ ފާހަގަ ކޮށްފައެވެ.
ގުރުވަ ދޯނީގެ ކެޔޮޅު އަލީ ޒާހިރު އިތުރަށް ބުނެފައިވާ ގޮތުގައި މިޔަރުގެ އުނދަގުލާއި ނުރައްކާތެރިކަން ބޮޑުކަމުން އެ ދޯނިން މީގެ ކުރިން އެންދަމަން ފޭބި ބައެއް ސަރަހައްދުތަކަށް މިހާރު އެންދަމަން ނުފައިބާ ކަމަށެވެ. އަދި އޭބާ ބުނެފައިވަނީ މިޔަރުގެ އުނދަގުލާއި ހެދި ކުރިއަށް އޮތް ހަތަރު ފަސް އަހަރެއްގެ ތެރޭ މި މަސްވެރިކަން ކުރިއަށް ގެންދަންވެސް އުނދަގޫވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރއްޖޭގެ ކަނޑުތަކުން މިޔަރު ހިފުން، މީގެ އަހަރުތަކެއް ކުރިން މަނާ ކުރުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިޔަރުގެ އާބާދީވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އަދި މިޔަރުގެ ހަމަލާތައް ބައެއް ފަހަރަށް މީހުންނަށް އަމާޒުވެގެން ދާއިރު، ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިޔަރުގެ އުގަދޫ ކުރިމަތިވަމުންދާކަން ފާހަގަ ކޮށްލެވެއެވެ.
One Response
މިޔަރު ހިފަންވީ ހިފާހިފާ މަދުވީމަ ހުއްޱާލަންވީ