ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ނޫމަޑި މައްސަލާގައި މުޢިއްޒާ ދެކޮޅަށް ދަޢުވާ ކުރައްވާފައިވަނީ އެ ކުންފުންޏާއެކު ކުރީ ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރެއްވި މައްސަލާގައި ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑި އާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާން ދެއްވިކަމަށް ތުހުމަތުކުރައްވައެވެ.
މި މައްސަލާގައި މިއަދު ޙުކުމް ކުރެއްވުމަށް ބޭއްވެވި އަޑު އެހުމުގައި، މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވީ މިި މައްސަލާގައި ދައުލަތުން ކޯޓަށް ހުށަހެޅުއްވި ބަޔާނަކީ އާރބިޓްރޭޝަނަށް މުޢިއްްޒު ދެއްވި ބަޔާނެއްކަން ކަށަވަރު ކުރެއްވުމަށް ދައުލަތުން މަސައްކަތް ކުރައްވާފައިވާކަން އެނގެން ނެތްކަމަށެވެ. އަދި ބަޔާނުގައި ސޮއިކުރައްވާފައި ވަނީ ޑރ.މުޢިއްޒުކަން ޝަރީޢަތުގައި ސާބިތުކުރެއްވިފައި ނުވާކަމަށް ޤާޟީ ވިދާޅުވިއެވެ.
މީގެއިތުރުން މި މައްސަލާގައި ދައުލަތުން ހުށަހެޅުއްވި މައިގަނޑު މައްސަލައަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނަށްވާއިރު، މިބަޔާނުގެ ޞައްޙަކަން ކަށަވަރުކޮށް ނުދެއްވުމުން، ކުށުގެ ރުކުންތައް ފުރިހަމަނުވާކަމަށް ޤާޞީ ވިދާޅުވިއެވެ. މި ކަންކަމަށް ބެއްލެވުމަށްފަހު ޤާޟީ ނިންމެވީ މި މައްސަލާގައި އުފުއްލަވައިފައިވާ ދައުވާ ޝައްކެތް ނެތް މިންވަރަށް ސާބިތު ނުވާކަމަށެވެ. މި ދަޢުވާ ސާބިތުވިނަމަ މުޢިއްޒުގެ މައްޗަށް އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ނޫމަޑިއާއެކު ސަރުކާރުން އެއްބަސްވެވަޑައިގެންފައި ވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއް ނެތި ކުރީގެ ސަރުކާރުން އުވާލެއްވުމާ ގުޅިގެން އެއްބަސްވުން ބާޠިލްކުރެއްވި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރު ވަނީ ހުށަހަޅާފައެވެ.
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. މި މައްސަލަ އަރބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާރބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.