ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދިން މައްސަލައިގެ ހުކުމް ކުރުމަށް މިއަދަށް ތާވަލްކޮށްފިއެވެ.
ނޫމަޑީގެ މައްސަލައިގައި މުއިއްޒުވަނީ ފުލުހުގެ އިދާރާއަށްވެސް ހާޒިރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 25 ޖޫން 2019ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަލް ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒުކަމަށެވެ.
އެ މައްސަލައިގައި ޝަރީއަތުގެ މަރުހަލާގައި އެންމެ ފަހު ކަމަކަށް އޮންނަ ހުލާސާ ބަޔާން އިއްވުން ބޭއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ހުލާސާ ބަޔާނަކީ ޝަރީއަތް ހިނގައިދިޔަ ގޮތާ މެދު ދެކޭ ގޮތާއި، ހިނގި ކަންކަމާއި ފާހަގަ ކުރެވުނު ނުކުތާތައް ހުލާސާ ގޮތެއްގައި ކޮންމެ ހަސްމެއްގެ ފަރާތުން ހުށަހަޅައިދޭ ބަޔާނެކެވެ. ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގެ ތާވަލުން އެނގޭ ގޮތުގައި އެ މައްސަލަ ނިންމަން ބާއްވާ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 12:00 އަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވައި ނިމޭތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަންޖެހެއެވެ. ހުލާސާ ބަޔާން އިއްވި ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެ ދުވަހުން ރަސްމީ 15 ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެ މުއްދަތު މިހާރު ވަނީ ފަހަނައަޅާ ގޮސްފައެވެ.
ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އަންނާނީ އަސާސީ މިންގަނޑުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.