ސީ.ޑީ.އާރ.އައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

ސީ.ޑީ.އާރ.އައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 10:34
0

ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް "ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ" (ސީ.ޑީ.އާރ.އައި) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ މެދު ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މުއާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މެޖަލީހުން ލަފާ ދެއްވާފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމެވި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ޤައުމުތަކުގެ އުމްރާނީ ތަރައްޤީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ޤައުމުތަކާއި، އ.ދ ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕެކެވެ.

މިކޯލިޝަންގެ އަމާޒުތަކާ، ޑިޒާސްޓަރ ރެޒިލިއެންޓް އިންފްރާސްޓްރަކްޗަރ އަށް އިންވެސްޓްކުރުން ފަދަ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ ގުޅިފައިވާތީއާއި، މިޗާޓަރަކީ އިންޑިއާގެ އިސްނެންގެވުމެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ވާނީ މިކޯލިޝަނަށް ތާއީދުކޮށް އ.ދ ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކާފައިވެއެވެ.

މި ޗާޓަރުގެ މައިގަނޑު މަޤްސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްޤީކުރުމާއި، މިހާރުވެސް ޤާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން
ބަދަލުކުރުމަށް ބާރުއެޅުމެވެ. އަދި މި ޗާޓަރުގެ މަޤްސަދުތަކާއި، ތަސައްވުރާއި، ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި، ސެންޑައި ފްރޭމްވޯކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި، އ.ދ. ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށެވެ.

މިޗާޓަރުގެ ތެރެއިން، ކާރިސާތަކާ ކުރިމަތިލުމަށް ގައުމުތަކުގައި ހުރި ޤާބިލްކަން ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި މައުލޫމާތާއި ފަންނީ ގާބިލުކަން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.