ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
2020 ނޮވެންބަރު 30 ވަނަ ދުވަހު ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03″ ދޯނިން ވަނީ އިއްޔެގެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައެވެ.
މި ރިޕޯރޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައެވެ. އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު ބޯޓުގައި 6 ފަޅުވެރިން ތިއްބެވެ.
ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ. މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
މި ފުރުސަތުގައި ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު ދަންނަވަމެވެ. އަދި އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯރޓް ކުރި "އަސުރުމާ 03″ ދޯނީގެ ކެޕްޓަނަށާއި ހީވާގިފަޅުވެރިނާއި އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދެއްވި އެއްބާރުލެއްވުމަށް މި ފުރުސަތުގައި ޝުކުރުދަންނަވަމެވެ.
ކޮމެންޓު ފޮނުވާ