ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކުރާ އެމްޑީޕީގެ މެމްބަރުން ޕާޓީން ވަކިކުރަނީ

ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކުރާ އެމްޑީޕީގެ މެމްބަރުން ޕާޓީން ވަކިކުރަނީ

Author
މުޙައްމަދު ޝަޒައިމް
13 މެއި 2023 12:30
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ސޮއިކޮށްފިނަމަ، ޕާޓީން ވަކިކުރާނެކަމުގައި އެމްޑީޕީން ބުނެފިއެވެ.

ފޯޅަވަހި ނުވަތަ ޗާގޯސް މައްސަލައިގައި ޤާނޫނު އަސާސީއާއި ޤާނޫނީ އިމުން ބޭރުން ސަރުކާރުން އަމަލުކޮށްފައިވާކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދަނީ ފޯޅަވަހީގެ މައްސަލާގައި އިސްކޮށް އުޅުއްވާ ސަރުކާރުގެ އިސްވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަމުންނެވެ. މިހާތަނަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ މައްސަލައެވެ.

ފޯޅަވަހީގެ މައްސަލާގައި އިތުބާރު ނެތްކަމުގެ މައްސަލަތައް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އިދިކޮޅު ޕީޕީއެމް، ޕީއެންސީއެވެ. މިކޯލިޝަންގައި، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ. މިކޯލިޝަނުން ނިންމާފައިވަނީ ބަންޑާރަ ނައިބްގެ އިތުރުން ރައީސް ޞާލިހާއި، ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވެއްދުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވެއްޖެނަމަ އަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން ބައެއް މީޑިއަތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް އަމަލު ނުކުރެވޭނެކަމަށެވެ.

ރައީސް ޞާލިހުގެ އިތުބާރު އެމްޑީޕީއަށް ނުގެއްލޭކަމަށާއި ރައީސް ޞާލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްކަމަށް އިބުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަންކަމުގައި އިސްކޮށް އުޅުއްވާ މެމްބަރުންނަކީ މިހާރު އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ މެމްބަރުން ނޫންކަމަށެވެ. އޮޓޯއިން އެމެމްބަރުން ޕާޓީން ވަކިވެފައިވާނެކަމަށެވެ.

އަދި މިފަދަ ކަމެއްގައި އުޅުއްވާ މެމްބަރަކު އެގިއްޖެނަމަ އެމެމްބަރަކު ޕާޓީން ވަކި ކުރުމަށްޓަކައި، ޕާޓީގެ އުސޫލު ހަމަޖެހިފައިިވާ ގޮތުގެ މަތީން ޕާޓީގެ ސުލޫކު ކޮމެޓީއަށް ހުށަހަޅައި އެމެމްބަރަކު ޕާޓީން ވަކި ކުރާނެކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ޓީމުން ފާޅުގައި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އެއިން އެއްވެސް މެމްބަރަކާއިމެދު މާބޮޑު ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ މެމްބަރުން ދަނީ އެމްޑީޕީގެ ނަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައްވެސް އެކި ޕާޓީތަކާއި ކުރަމުންނެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ބަންޑާރަ ނައިބަށް އެކި ތުހުމަތުކުރައްވައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ވިޔަ ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމެއް ހުށަހެޅުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.