ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބަޔާ ލެވަކޫސެން ބަލިކޮށް ފައިނަލަށް ދިޔުމުގެ ފުރުސަތު ރޯމާއިން ބޮޑުކޮށްފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ އެއްލަނޑު ސުންލަނޑުންނެވެ. ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި ލެވަރކޫސެންއިން ބޮޑަށް މެޗް ކޮންޓްރޯލް ކުރި ނަމަވެސް ގިނަ ހަމަލާ އުފެއްދިތަން ފެނިގެންދިޔައީ ރޯމާއިންނެވެ. މިމެޗްގައި ރޯމާގެ ކޯޗަކަށް ޖޯސޭ މޮރީނިއޯ ހުރިއިރު ލެވަކޫސެންގެ ކޯޗަކަށް ހުރީ މޮރީނިއޯގެ ދަށުން ރެއާލް މެޑްރިޑްގައި ކުޅުންތެރިއެއްގެގޮތުން ގިނަ ދުވަސްތަކެއް ހޭދަކުރި ސްޕެއިންގެ ޒާވީ އަލޮންސޯއެވެ. އަލޮންސޯވަނީ ރެއާލްގައި މޮރީނިއޯގެ ކޯޗް ކަމުގެ ދަށުގައި 151 މެޗް ކުޅެފައެވެ. އެހެން ކަމުން މިއީ މިދެކޯޗުންނަށްވެސް ވަރަށް ހާއްސަ މެޗަކަށް ވެގެންދިޔައެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެފުރުސަތެއް ދެޓީމަށްވެސް މިހާފްގައި ލިބިގެންދިޔަކަން ފާހަގަވިއެވެ. މިގޮތުން މެޗްގެ ހަވަނަ މިނެޓްގައި ލެވަރކޫސެންއަށް މިމެޗްގައި ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ފްލޮރިއަން ވަރޓްޒްއަށް ލިބިގެންދިޔައިރު ރޯމާގެ ރޮޖަރ އިބަނޭޒްއަށް ލިބިގެންދިޔަ ފުރުސަތު ވަނީ ލެވަރކޫސެންގެ ކީޕަރ ދިފާއުކޮށްފައެވެ.
މިމެޗްގައ ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާ ރޯމާއަށް ލީޑު ނަގާދިނީ އެޑުއާޑޯ ބޮވޭއެވެ. މިއީ އުމުރުން 20 އަހަރުގެ މިކުޅުންތެރިޔާ ޔޫރަޕްގެ މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިމެޗްގެ 86 ވަނަ މިނެޓްގައި ލެވަރކޫސެންއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެފުރުސަތުގެ ބޭނުން ހިފޭގޮތެއްނުވިއެވެ.
މިކާމިޔާބީއާއެކު މިދެޓީމް ދެވަނަ ލެގަށް މިއަންނަ ހަފްތާގައި ނިކުންނައިރު ރޯމާއަށް މިވަނީ ހަނި ލީޑެއް ލިބިގެން ގޮސްފައެވެ. އަދި އެމެޗް ކާމިޔާބުކޮށް ރޯމާ ފައިނަލަށް ގޮސްފި ނަމަ މޮރީނިއޯ ޔޫރަޕްގެ މުބާރާތް ތަކުގެ ފައިނަލްގައި ދަމަހައްޓަމުން އަންނަ ރިކޯޑް ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.
އޭނާ މިހާތަނަށް ވާދަކުރި ޔޫރަޕްގެ ހުރިހާ ފައިނަލް މެޗެއްވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އެހިސާބަށް ދިއުމުގެ ކުރިން މޮރީނިއޯއަށް މިވަނީ ދެވަނަ ލެގްގައި ލެވަރކޫސެންގެ މައްޗަށް ކުރިހޯދަންޖެހިފައެވެ. އަދި މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ލެވަރކޫސެންގެ ދަނޑުގައި ކަމުން މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށްވެސް އަދި އެބައޮތެވެ.