ހުޅުމާލެ ދެވަނަ ފިޔަވަހި އިންޑަސްޓްރިއަލް ޒޯން ކައިރިން ދަތުރުކުރި ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި ޑްރައިވަރާއި އެސަރަހައްދުން ބައިސިކަލް ގައި ދިޔަ ކުޑަ ދެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ޓްރަކު ފުރޮޅާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7:35 ހާއިރު ކަމަށެވެ. ޓްރަކް ފުރޮޅާލުމުގެ ސަބަބުން އަނިޔާވެ މިހާރު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އުމުރުން 13 އަހަރުގެ ދެ ފިރިހެން ކުދިންނަށެވެ.
އެ ކުދިންނަށާއި ޓްރަކް ޑްރައިވަރަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުންވަނީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައެވެ.
ދެވަނަ ފިޔަވަހީގެ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވަނީ ފަރުވާ ކުޑަކޮށް ގަވާއިދުތަކާއި ހިލާފަށްކަމަށްބުނެ މީގެ ކުރިންވެސްވަނީ އާއްމުންގެ ފަރާތުން ޝަކުވާތައް ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ