ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ހުށަހެޅުމަކީވެސް މިހާރު ކުށްވެރިވާ ކަމަކަށް ވެފައިވަކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ބަންޑާރަ ނައިބަށް އެކި ތުހުމަތުކުރައްވައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭތީ އެމެމްބަރުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ބުނުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
ވައްޑެ ވިދާޅުވީ އެމްޑީޕީގެ މިހާރުގެ ހާލަތު އޮތް ގޮތުން މަޖިލީހުގައި ތިއްބަވާ މެމްބަރުންނަށް އެމްބަރަކު އަމިއްލަ ވިސްނުމާއި އެއްގޮތަށް މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތުން ބޭރުވާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަކީވެސް ކުށަކަށް ވެފައިވާކަމަށެވެ. އަދި އެކަމަކީ އަދަބު ލިބޭ ކަމަކަށް ވެފައިވާކަމަށް ވައްޑު ވިދާޅުވިއެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލިސްއަށް ހުށައެޅުން ވެސް “ކުށެއްގޮތުގައި” ކުށްވެރިކުރާ ހިސާބަށް އެމްޑީޕީ ދިޔައީ؟
– ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ މިހާތަނަށްވެސް ބަންޑާރަ ނައިބް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޢަމަލުކުރައްވާފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ފުރިހަމަ އިތުބާރު އޮތްކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސް އިން ނިންމި ގޮތުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމައަށް ފެންނަން އޮއްވައި, ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް އެމްޑީޕީން ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް އެމްޑީޕީންވަނީ ބުނެއެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަ ނައިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުއާ އެކުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕް އޮތްކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ