ގެއްލުނު ދޯނީގައި ތިބި ދެމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

ގެއްލުނު ދޯނީގައި ތިބި ދެމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މެއި 2023 11:43
0

ހިލަވެލި ބަރުކޮށްގެން ދެ މީހުންނާއެކު ބ. ދަރަވަންދޫއަށް ދަތުރުކުރި ދޯނީގައިތިބި ދެމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، ބުދަ ދުވަހުގެ ހެނދުނު 10:40 ހާއިރު ދަރަވަންދޫއަށް ފުރި "ޖަންބޯ" ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ބުދަ ދުވަހު 11:35 ހާއިރު ކަމަށެވެ.

ދިގުމިނުގައި 65 ފޫޓު ހުންނަ މި ދޯންޏާ ވައްތަރު އުޅަނދެއް އިއްޔެ 13:00 އާއި 13:30 ދެމެދުގެ ވަގުތެއްގައި ކާށިދޫ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލު ބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ ބުދަ ދުވަހުގެ އިރުއޮއްސި 18:03 ހާއިރުއެވެ.

އެއަށް ފަހު ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. މިއަދު އެމްއެންޑީއެފްއިން ބުނީ ދޯނީގައި ދަތުރުކުރި ދެ މީހުން ފެނިފައިވާ ކަމަށެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް ދޯންޏަށް ވީގޮތެއް ހާމަކޮށްފައި ނުވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް، މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.