ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ހަތް އަހަރަށް 6،300 އަށް ކުޑަކޮށްދީފައިވަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ނޫންކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމެއް ނޫންކަމަށެވެ. އެހެންނަމަވެސް ކުލީގެ ގޮތުގައި ދައްކަމުންދިޔަ ފައިސާގެ އަދަދު ހަތް އަހަރަށް ލުއި ކުރީކަމަށެވެ. އެގޮތުން މަހަކު މިހާރު ދައްކަން ޖެހޭ 7،500ގެ ބަދަލުގައި މިމަހުން ފެށިގެން ދައްކަން ޖެހޭނީ 6،300 ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ.
ކުއްޔަަށް ސަރުކާރުން މި ގެނައި ބަދަލާއެކު ފްލެޓްތަކުގެ ރީޕޭމަންޓުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުވެގެން ގޮސްފައެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަކުރަމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން ހިޔާ ފްލެޓްގެ ކުއްޔަށް ތިންފަރެއްގެމަތިން ލުއި ދީފައިވާނެ ކަމުގައެވެ. މިގޮތުން އެންމެފަހުން ހިޔާ ފްލެޓްތަކުގެ ކުއްޔަށް މިގެނައި ބަދަލަކީ ހިޔާ ޔޫނިއަންއިން ރައީސް ސާލިހާއި ބައްދަލުކޮށް ކުލި ކުޑަކޮށްދިނުމަށް އެދުމުން، ކަމާބެހޭ ފަރާތްތަކާ ރައީސް ސާލިހު މަޝްވަރާ ކުރެއްވުމަށްދަހު ކުއްޔަށް ގެނެސްފައިވާ ހެޔޮ ބަދަލެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކުލި ކުޑަ ކުރީކީ ނޫން. އަޅުގަނޑުމެން އަބަދުވެސް މި ބުނަމުން އަންނަނީ ކުއްޔަށް ނެތޭ އިތުރު ބަދަލެއް ގެނެވޭކަށް. ކުއްޔަށް ލުޔެއް މި ދިނީ. ރައީސް މި ނިންމެވީ ކުއްޔަށް ލުޔެއް ދިނުމަށް.
އަކުރަމް ވިދާޅުވިއެވެ.
އަކުރާމް ވިދާޅުވީ ކުއްޔަ ގެނައި ބަދަލު ކޮންމެ ގޮތަކަށްވެސް މާނަ ކުރެވިދާނެކަމަށާއި، އެހެންނަމަވެސް މި ގެނައި ބަދަލަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ގެނައި ބަދަލެއް ނޫންކަމުގައެވެ.
މިއީ ކޮންމެހެން އިންތިހާބާ ގުޅުން ހުރި ކަމެއް ނޫން. ދެން މި ދުވަސްވަރާ ދިމާވުން އެއީ އަޅުގަނޑަކަށް ނޭނގެ މީހުން މާނަ ކުރުން ކޮންމެ ގޮތަކަށް ވެސް ނެގިދާނެ. އެކަމަކު އަސްލަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި މަރުހަލާތަކުގައި ލުއި ގެނެސް ދެވިފައި ވަނީ ސަރުކާރުން.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވިއެވެ.