ފިކުރު ފިކުރަށް ބަލައިގެން ތިބެވޭކަށް ނެތް، އިހުމާލުވި މީހުންގެ އިތުބާރުނެތްކަމަށް ވައްދާނަން: ނާޒިމް

ފިކުރު ފިކުރަށް ބަލައިގެން ތިބެވޭކަށް ނެތް، އިހުމާލުވި މީހުންގެ އިތުބާރުނެތްކަމަށް ވައްދާނަން: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
10 މެއި 2023 09:52
0

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ޤާނޫނާއި ޚިލާފަށް އަމަލު ކުރި ފަރާތްތަކާއިމެދު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރަށް ތިބިކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ އެމްއެންޕީގެ ޖަގަހާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނާޒިމް ވަނީ ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ޤާނޫނުގައި ކަން އޮތްގޮތް ހާމަކޮށް ދީފައެވެ. ނާޒިމް ވިދާޅުވީ މިކަމުގައި ދިވެހި ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުން ބޭރުންކަމަށެވެ. މިކަމަކީ ރައީސް ޞާލިހާއި، އަދި މިކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މަޤާމުން ވަކިކުރަންޖެހޭ ވަރުގެ ކަަމަކަށްވާއިރު، އެކަން އެޕާޓީން ކުރާނެކަމަށެވެ.

ރައީސް ޞާލިހާއި، ބަންޑާރަނައިބް އިބްރާހިމް ރިއްފަތާއި، ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހަށް މިބޭފުޅުންގެ އިތުބާރު ނެތްކަމަށް ވެއްދި ނަމަވެސް އިތުބާތު ނެތްކަމަށް ފާސްވާ ވަރަށް ވޯޓު ނުލިބިދާނެކަމަށެވެ. ނަމަވެސް އަމާޒަކީ މިކަމަކީ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމަކަށްވުމުން އެކަމަށް އެމްއެންޕީން ޖާގަ ނުދޭނެކަން ހާމަކުރުމަށް ކުރާ ކަމެއްކަމަށެވެ.

ފިކުރު ފިކުރަށް ބަލައިގެން ތިބެވޭކަށް ނެތް. އަޅުގަނޑުމެން މިކަން މަޖިލީހަށް ހުށަޅާއިރު ބޭނުންވާވަރަށް ވޯޓް ނުލިބިދާނެ. ނަމަވެސް ގައުމަށް ހެޔޮއެދޭ މެންބަރަކު ހުރިނަމަ އަޅުގަނޑުމެންނާއިއެކު ތިބެން ޖެހޭ.

– ނާޒިމް ވިދާޅުވިއެވެ.

މިމައއްސަލާގައި ސަރުކާރުން ފެށުނީއްސުރެ އަމަލު ކޮށްފައިވާ ގޮތާއި، ސިއްރުކުރި ކަންކަމަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާސަތަށް އެކަމުން ބޮޑު ލޮޅުމެއް އައިސްދާނެ ފަދަ ކަމަކަށްވާއިރު މިކަމުގައި ހުރިހާ ރައްޔިތުން އެކައްޗެއް ކިޔައިގެން މަސައްކަތް ކުރަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާވާފަދަ އެތައްކަމެއް ކުރަމުންދާކަމަށެވެ. މިކަންކަން ކުރަމުންދަނީ ފޮރިން މިނިސްޓަރ ޝާހިދާއި، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެންވެސް އެއްބާރުލުމާއި އެކުގައި ކަމަށްވުމުން، މިބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެކަމަށެވެ.

ނާޒިމް ވިދާޅުވީ ދިވެހިން 1965 ވަނަ އަހަރު މިނިވަންކަން ހޯދުމަށް ކުރި ގޮތަށް މިއަދު މިއޮތީ އަލުން އެމަސައްކަތް ކުރަން ޖެހިފައިކަމަށެވެ. މިމަސައްކަތުގައި ދިވެހި ހުރިހާ ރައްޔިތުން ބައިއަތު ހިފައި އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް ނާޒިމް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.