މާލޭގެ ހަތަރު ގެއެއްގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ޝިއާރުގެ ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް އިން) އެންގި އެންގުން ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ނެރުއްވި ގަރާރުގެ ދަށުން ކުރީގެ ރައީސް ޔާމީންގެ ގެކޮޅާއި މާލޭގެ އެހެން ބައެއް އިމާރާތްތަކުގައި ހުރި އިންޑިއާ އައުޓް ޖެހި ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެކޮޅަށް ވަދެ ނެގިއެވެ.
އޭގެ ތެރޭގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ހ.ދޫވެހީގައި ދަމާފައިހުރި 50 އަކަށް ފޫޓްގެ ބެނާވެސް ފުލުހުން މިއަދު ވަނީ ނަގާފައެވެ. ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތާއި، ބޮޑީކެމްގެ ފުޓޭޖް ހޯދުމަށް އިންފޮމޭޝަން ކޮމިޝަންގައި އޮންލައިން ނޫހަކުން އެދުނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވީ މިމައުލޫމާތު ހޯދަން އެދުނު ފަރާތަށް ފުލުހުން ފޯރުކޮށް ދެއްވުމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން އެދުނު ކަންކަމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މީސްމީހުންގެ ޒާތީ މައުލޫމާތުތައް ހާމަކުރަން އެންގޭނީ އާންމު މަސްލަހަތު ހިމެނޭ ހާލަތްތަކުގައި ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާއިރު ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ވެސް ޒާތީ މައުލޫމާތެއް ކަމަށެވެ. ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރާ ކަންކަމާ ގުޅިގެން ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭގެ ސަބަބުން ވަކިވަކި ފުލުހުންގެ ފުރާނައަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލިދާނެ ކަންކަން ކަމަށް އެ ހުކުމުގައިވެއެވެ.
އެ މައުލޫމާތު ލިބުމަށް އާންމުންގެ ޝައުގުވެރިކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް، އާންމު މަސްލަހަތު މިކަމުގައި އޮތީ ވަކިވަކި ފުލުހުންގެ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުން ލިބޭ ފަދަ މައުލޫމާތު އާންމުކޮށް ހާމަ ނުކުރުމުގެ މައްޗަށެވެ.
– ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގަކީ މުހިންމު ހައްގެއް ކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ބައެއް ކަހަލަ އިސްތިސްނާތަކެއް ގާނޫނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ މައުލޫމާތެއް ދޫކުރުމަކީ ގާނޫނުގައި ބުނާ އާންމު މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް ހުކުމުގައިވެއެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ދީބަނާޒު ފަހުމީއެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ވެސް ނެރުއްވިއެވެ. އެ ހަރަކާތަކީ ވަކި ގައުމަކާ ދެކޮޅަށް ހިންގޭ ނަފުރަތު އުފެއްދުމުގެ ހަރަކާތްތަކެއް ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަން އެ ގަރާރުގައި ފާހަގަ ކުރެއެވެ.