ރާއްޖޭގެ ހާރިޖީ ވުޒާރާގައި 40 އަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އާބިދާ އަހްމަދު ނިޔާވެއްޖެއެވެ.
އާބިދާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 66 އަހަރެވެ. އާބިދާގެ ކަށުނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އެ މިނިސްޓްރީއާ ވަކިވެގެން ދިޔަ އާބިދާ އަހްމަދަކީ ހާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ.
އެގޮތުން ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށްވުރެ ގިނަ ދުވަހު މިނިސްޓްރީއަށް އާބިދާ ހިދުމަތްކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި، އާބިދާ އަކީ އެންމެންގެ އެކުވެރިއެއް ކަމަށާއި އާބިގެ ހަނދާން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ.
Today we lost an invaluable member of Team Khaarijee, Ms Abida Ahmed.
Abi was an integral part of the team for over 40 years, serving with dedication, commitment and passion. She was a friend to all.
Her loss will be forever felt in the Ministry.
I send our condolences to… pic.twitter.com/3LBBq4vAfG
— Abdulla Shahid (@abdulla_shahid) May 8, 2023
އާބިދާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ، މުލީއާގޭ މެއިޑެއްގެ ވަޒީފާއިން 15 ނޮވެންބަރު 1978 ގައެވެ. މެއިޑެއްގެ ވަޒީފާއިން 8 ޖޫން 1982 ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ހިދުމަތް ފެއްޓެވީ 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން 15 އޮގަސްޓު 1985 އިން ފެށިގެން ހިދުމަތް ކުރައްވަމުން ގެންގޮސްފައި ވަނީ، ފޮރިން މިނިސްޓްރީގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އާބިދާވަނީ އެ މިނިސްޓްރީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
އެ މިނިސްޓްރީގައި އާބިދާ އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައިވަނީ، އެ މިނިސްޓްރީގެ އިދާރީ ހިންގުމާބެހޭ ސެކްޝަންތަކުގައި އާއި، ޑިޕާޓްމަންޓްތަކުގައެވެ. އަދި، ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ އެ ގައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގެ މަސައްކަތްތަކުގައި، ހީވާގިކަމާއި ފަންނުވެރިކަމާއެކު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މީގެއިތުރުން، ޒަމާނާއެކު އެ މިނިސްޓްރީގެ އިދާރީ ހިންގުމަށް އަންނަމުންދިޔަ ބަދަލުތައް ތަންފީޒު ކުރުމުގައި އާބިދާގެ ހިއްސާ ވަރަށްބޮޑެވެ.
ކޮމެންޓު ފޮނުވާ