އިނގިރޭސި ރާނީ ކުއީން އެލިޒަބަތުII އަވަހާރަވުމާއި ގުޅިގެން، އިނގިރޭސި ތަޚުތައް އިސްވެވަޑައިގެންފައިވާ، ރާނީގެ ދޮށީ ދަރިކަލުން، ޗާލްސްIII ރަސްމީކޮށް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ.
ފާއިތު 70 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވޭ ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ފުރަތަމަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން މިއަދު ހެނދުނުއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ލަންޑަނުގައި ހުންނަ ވެސްޓްމިނސްޓަރ އަބޭގައެވެ.
މިއަދަކީ ލަންޑަނަށް ވިއްސާރަ ދުވަހެއްނަމަވެސް، ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ޗާލްސް ވަޑައިގަންނަވާއިރު މަރުހަބާ ކިޔުމަށް ރޭގެ ދަންވަރުން ފެށިގެން އެތައް ބަޔަކު ވަނީ މަގުތަކަށް ޖަމާވާން ފަށާފައެވެ. ބައެއް މީހުން ޓެންޓު ޖަހައިގެން ރޭ ނިދާފައިވަނީވެސް ޗާލްސް ރަސްމިއްޔާތަށް ވަޑައިގަންނަވާ މަންޒަރުތައް ފެންނަ ހިސާބުގައެވެ.
މި ރަސްމިއްޔާތަށް ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމެއްގެ އެންމެ އިސްވެރިންވެސް މިހާރު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަނީ ވަޑައިގެންފައެވެ. ރައީސް ސާލިހުވެސް މިހާރުވަނީ މި ރަސްމިއްޔާތަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
ހަމަ އެއާއެކު، އިނގިރޭސި ރަސްކަން އުވާލުމަށް ގޮވާލާ، އެގައުމުގައި ރަސްކަމެއް އޮތުމާއި ދެކޮޅު ހަދަމުންދާ ފަރާތްތަކުން ވަނީ މިއަދު މުޒާހިރާ ކުރާނެކަމަށްވެސް ބުނެފައެވެ.
2 ގަޑިއިރަށް ދެމިގެންދާ، ރަސްގެފާނު ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނަ ހޯލުގައި، މިރަސްމިއްޔާތު ބެލުމަށް 2300 ގެސްޓުން ހާޒިރުވެ ތިބޭނެއެވެ. އޭގެ ތެރޭގައި، ޝާހީ އާއިލާއާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ، ޗާލްސްIII ގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީވެސް ހިމެނެއެވެ.
ޕްރިންސް ޗާލަސް އިނގިރޭސި ރަސްކަމަށް ވަޑައިގެންނެވީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހު ކުއީން އެލިޒަބަތުII އަވަހާރަ ވުމާއި ގުޅިގެންނެވެ. ރާނީ އަވަހާރަވީ އެކަމަނާގެ ރަނިކަމަށް 70 އަހަރުވުމަށްފަހުއެވެ. މިއީ ލަންޑަނުގެ ވެސްޓްމިންސްޓަރ އަބޭގައި 1066އިން ފެށިގެން ބޭއްވޭ 40 ވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތެވެ.