މޮޑާނާގެ ކޯވިޑް19 ވެކްސިން އެމެރިކާއާއި ޔޫރަޕްގައި ބޭނުން ކުރުމުގެ ހުއްދައަށް އެދެފި

މޮޑާނާގެ ކޯވިޑް19 ވެކްސިން އެމެރިކާއާއި ޔޫރަޕްގައި ބޭނުން ކުރުމުގެ ހުއްދައަށް އެދެފި

Author
ހުސެއިން
01 ޑިސެމްބަރ 2020 05:14
0

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ، މޮޑާނާއިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން އެމެރިކާއާއި އަދި ޔޫރަޕްގައި ބޭނުންކުރުމުގެ ހުއްދައަށް ކާމާއި ގުޅޭ އިދާރާތަަކަށް ހޯމަ ދުވަހު ހުށަހަޅާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން އެމްޖެންސީކޮށް ބޭނުންކުރުމުގެ ހުއްދައަށް މި ހުށަހަޅަނީ، މިވެކްސިންގެ ނަތީޖާ އާދަޔާއި ޚިލާފަށް ރަގަަޅުކަމަށް ޓެސްޓްތަކުން ދައްކާފައި ވަނިކޮށެވެ. އަދި މުޅި ދުނިޔޭގައިވެސް ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވާން ފަށާފައިވަނިކޮށެވެ.

"މޮޑާނާއިން، ވެކްސިންގެ އެމަޖެންސީ ހުއްދަ ހޯދުމަށްޓަކާ، މިއަދު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާނަން،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އިތުރަށް ބުނެފައިވަނީ، "ކުއްލި ހާލަތުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) އަށްވެސް ހުށަހަޅާނަން" ކަމުގައެވެ.

މުޅި ދުނިޔޭގައިވެސް، ބާރުމިނުގައި ފެތުރެމުންދާ ކޯވިޑް ރޯގާއިން ދުނިޔެ ސަލާމަތް ކުރުމަށްޓަކާ، މިހާރު ތަހުލީލު ކުރުމުގެ މަރުހަލާގައިވާ އެތަކެއް ވެކްސިނެއް ވުޖޫދަށް އަންނަން ޖެހެއެވެ. މި ރޯގާ ދަނީ، އެމެރިކާ، ޔޫރަޕް އަދި އެނޫނަސް ދުނިޔޭގެ އެތަކެއް ސަރަހައްދެއްގައި ބާރު މިނުގައި އަދިވެސް ފެތުރެމުންނެވެ.

އެމެރިކާގައި ކޯވިޑަށް ފަރުވާ ދިނުމަށް ޚާއްސަކުރެވިފައިވާ އެދުތައް ފުލްވެ، މީހުންނަށް އިތުރަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުދެވިދާނެކަމުގެ ބިރު ހީވެފައިވާއިރު، ދުވާލަކަށް 160،000 މީހުން މިހާރުވެސް އެގައުމުގައި ދަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވަމުންނެވެ. އަދި އެމެރިކާގައި މިބަލީގައި ދުވާލަކު 1،400 މީހުން ދަނީ މަރުވަމުންނެވެ.

މިބަލި އެންމެ ފުރަތަމަ މިއަހަރުގެ ކުރީކޮޅު ޗައިނާއިން ފެނުނު ފަހުން މިއަހަރު މިހާތަނަށް އައިއިރު، މުޅި ދުނިޔެއިން ކޯވިޑް19ގައި 1.4 މިލިއަން މީހުން ވަނީ މަރުވެގެން ގޮސްފައެވެ.

މޮޑާނާ ކުންފުނިން އުފެއްދި ވެކްސިންގެ ހުއްދަ ހޯދުމަށް ކަމާގުޅޭ މުވައްސަސާތަކަށް ހުށަހަޅާފައި މިވަނީ، އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ފިޒާއާއި އަދި އެކްނފުނީގެ ޕާޓްނަރ ކުންފުނި ޖަރުމަނުގެ ބައޯއެންޓީ ކުންފުނިން އީޖާދުކުރި ކޯވިޑް19 ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދި އެމެރިކާގެ ކަމާ ގުޅޭ މުވައްސަސާތަކަށް ހުށަހެޅިތާ ހަފްތާއެއްވެސް ނުވަނީހެވެ.

މޮޑާނާއިން ބުނެފައި ވަނީ، އެކުންފުނިން އުފައްދާފައިވާ ވެކްސިންއަކީ އާދަޔާ ޚިލާފަށް ކާމިޔާބު ވެކްސިނެއް ކަމުގައެވެ. އަދި ކުރެވުނު ތަހުލީލުތަކުން، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންވެސް މިވެކްސިންގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. މިގޮތުން ވެކްސިން ޖެހުމުން ވަރަށް އާދައިގެ ހުމެއް އައުން ފިޔަވާ އެއްވެސް ސައިޑް އިފެކްޓެއް ނުހުންނާނެ ކަމުގައިވެސް ބުނެފައިވެއެވެ. އާންމުކޮށް ވެކްސިންތައް ޖެހުމުން ފެންނަ ހުމުގެ އަސަރުތަކަކީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ކަޑައަޅާފައި ހުންނަ މިންގަޑަށް ފެތޭ ސައިޑް އިފެކްޓް ތަކެކެވެ.

ޔޫރަޕްގެ މެޑިސިން އޭޖެންސީ އިންވެސް ވަނީ، ކޯވިޑް19 ވެކްސިންތަކަށް އެމަޖެންސީ ހުއްދަ ދިނުމަށް އެ އޭޖެންސީއިންވެސް އޮތީ ތައްޔާރަށް ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.