40 އަހަރުގެ ޚިދުމަތަށްފަހު ރާއްޖޭގެ އެންމެ ފުރަތަމަ އެއަރލައިން ޕައިލޮޓް ރިޓަޔަރ ކުރައްވައިފި

40 އަހަރުގެ ޚިދުމަތަށްފަހު ރާއްޖޭގެ އެންމެ ފުރަތަމަ އެއަރލައިން ޕައިލޮޓް ރިޓަޔަރ ކުރައްވައިފި

Author
ހުސެއިން
05 މެއި 2023 10:13
0

ރާއްޖޭގެ އެންމެ ފުރަތަމަ އެއަރލައިން ޕައިލޮޓް، ކެޕްޓަން އިބުރާހިމް ރަޝީދު ރިޓަޔަރ ކުރައްވައިފިއެވެ. ކެޕްޓަން އިބުރާހިމް ރަޝީދު ރިޓަޔަރ ކުރެއްވުމުގެ ކުރިން، ކެޕްޓަނެއްގެ ހައިސިއްޔަތުން ދަތުރު ކުރެއްވި އެންމެ ފަހުގެ ފްލައިޓު އުުދުއްސާފައިވަނީ މާމިމިގިލީ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، ފްލައިމީގެ ވީޕީ 609 ފްލައިޓެވެ.

ކެޕްޓަލް އިބުރާހިމް ރަޝީދަކީ ރާއްޖެއިން ދޫކުރާ އެއަރލައިން ޓްރާންސްޕޯޓު ޕައިލޮޓް ލައިސެންގެ 001 ނަންބަރު އޮތް ޕައިލޮޓްވެސް މެއެވެ.

އޭނާގެ ފާއިތުވި 40 އަހަރުގެ ޚިދުމަތުގެ މުއްދަތުގައި އިބުރާހިމް ރަޝީދު ވަނީ ރާއްޖޭގެ ތަފާތު އެކި އެއަރލައިންތަކުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ އެއަރލައިން އެއަރ މޯލްޑިވްސްއާއި، އެމްއެންޑީއެފްއާއި، އައިލޭންޑް އޭވިއޭޝަންގެ އިތުރުން ވިލާ އެއަރއެވެ. ރިޓަޔަ ކުރެއްވިއިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ވިލާ އެއަރގައެވެ.

ކެޕްޓަން އިބުރާހިމް ރަޝީދު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ވިލާ ކުންފުނީގެ ޗެއަރމަން ގާސިމް އިބުރާހުމް ވަނީ އޭނާގެ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ގާސިމް އިބުރާހިމް ކެޕްޓަން އިބުރާހިމް ރަޝީދަށް މަރުހަބާ ދަންނަވަނީ

ކެޕްޓަން އިބުރާހިމް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ޕައިލޮޓަކަށް ވުމަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ، އިބުރާހިމް ނަޢީމް (ޕައިލޮޓް ނައީމް)ގެ ގޭގައި، ފާރުގައި އެލުވާފައި އޮތް، އިބުރާހިމް ނައީމު ކުޑަ ފްލައިޓެއްގެ ފިޔަގަޑުގައި ލެނގިލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ފެނިފައެވެ.

ކެޕްޓަން އިބުރާހިމް ރަޝީދު އޭލެވެލް ނިންމުމަށްފަހު، އޭރު އޭލެވެލް ފުރިހަމަކުރި 15 ދަރިވަރުންނަށްވެސް ރައީސް އޮފީހުން މަތީ ތައުލީމު ހާސިލްކުރުމަށް ދިން ފުރުސަތުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެރޮނޮޓިކަލް އިންޖިނިއަރިންގއާއި ޕައިލޮޓް ޓެރެއިންނިންގެ ދާއިރާއިން ކިޔަވާ ވިދާޅުވުމަށް ޕާކިސްތާނަށެވެ.

އެހެންނަމަވެސް ޓްރެއިންނިގ ފުރިހަމަ ވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭރު ޕާކިސްތާނުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، އެގައުމުގެ ތިބި ދިވެހި ކިޔަވާ ކުދިންނަށް ރައްކާތެރި މާހައުލެއް ނެތިގެން އަބުރާ މާލެ އަންނަން ޖެހުނެވެ.

ކެޕްޓަން އިބުރާހިމް ރަޝީދު

އެއަށްފަހު މާލެ އެބުރި ވަޑައިގެން އޭނާ ވަނީ ފޮރިންގ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް ޕައިލޮޓް ޓްރެއިނިން ފުރިހަމަ ކުރުމަށް ހުރި ޝައުގުވެރިކަމެއް ބޮޑުކަމުން، އޭނާ ކުރީގެ މުދައްރިސެއް ކަމުގައިވާ ރަޝީދުގެ އެހީތެރިކަމުގެ ބޭރުގެ ސްކޯލަޝީިޕެއް ހޯއްދެވުމަށް އެހެން ގައުމުތަކަށް ސިޓީ ލިޔުއްވައިގެން އެފުރުސަތު އެންމެ ފަހުން ލިބިވަޑައިގެންނެވީ އޮސްޓްރޭލިއާއިންނެވެ.

ތިން ދަރިވަރަކަށް 1981 ވަނަ އަހަރު ލިބުނު މި ސްކޯލަރޝިޕްގައި ކެޕްޓަން އިބުރާހިމް ރަޝީދު އޭނާ ޕައިލޮޓް ޓްރެއިނިން ފުރިހަމަ ކުރައްވާ، އެންމެ ފުރަތަމަ އެއަރ މޯލްޑިވްސްގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1983 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.