ސާވަރީ ބޯޓު އަޑިއަށްގޮސްފި، 6 މީހަކު ސަލާމަތްކޮށްފި

ސާވަރީ ބޯޓު އަޑިއަށްގޮސްފި، 6 މީހަކު ސަލާމަތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 މެއި 2023 01:53
0

މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ސަވާރީ ބޯޓުގައި ތިބި 6 މީހުން ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާކަމަށެވެ. މިމީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ.

މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަންވަނީ މަޢުލޫމާތުދީފައިވާކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ސަވާރީ" ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް ނުވެގެން އެކަން މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މުދާ އުފުލާ ބޯޓެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު، މިއީ މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރެކެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުގެ އިލްތިމާސްއާއެކު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލުވެސް ނެރުއްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.